ހުސްނުއްސުއޫދު

ޑަބްލިއު ކޮންސްޓްރަކްޝަންގެ ބޯޑު ޑައިރެކްޓަރުން ހައްޔަރުކޮށް ޖިނާއީ ދައުވާކުރަން ޖެހޭ: ސުއޫދު

މަރިޔަމް ޝަހުދާ

ޑަބްލިއު ކޮންސްޓްރަކްޝަންގެ ބޯޑް ޑައިރެކްޓަރުންގެ މައްޗަށް ޖިނާއީ ދައުވާ ކުރަންޖެހޭ ކަމަށް ކުރީގެ ބަންޑާރަ ނައިބު ހުސްނުއްސުއޫދު ވިދާޅުވެއްޖެއެވެ.

ސުއޫދް މިހެން ވިދާޅުވީ އޭނާ ކުރެއްވި ޓުވީޓެއްގަ އެވެ. ސުއޫދު މި ޓުވީޓު ކުރައްވައިފައި ވަނީ އިއްޔެ ސިމެންތި ބަސްތާއެއް ބޮލަށް ވެއްޓި ޒަހަމްވި ކުއްޖާ މަރުވުމާ ގުޅިގެންނެވެ. ސުއޫދު ވަނީ އެ ކުއްޖާގެ ބޮލަށް ސިމެންތި ބަސްތާ ވެއްޓުނު އިމާރާތުގެ މަސައްކަތް ކުރަމުން އަންނަ ޑަބްލިއު ކޮންސްޓްރަކްޝަންގެ ބޯޑު ޑައިރެކްޓަރުން ހައްޔަރުކޮށް އެމީހުންނަށް ޖިނާއީ ދައުވާ ކުރުމަށް ގޮވާލައްވައިފައެވެ.

ސުއޫދަކީ ވީނުވީއެއް ނޭނގި ގެއްލުވާލާފައިވާ މީހުންނާއި ނުބެލި ހުރި މަރުތަކުގެ މައްސަލަތައް ބަލަން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އުފައްދަވައިފައިވާ ރިޔާސީ ކޮމިޝަނުގެ ރައީސެވެ.

އިއްޔެ ބޮލަށް ސިމެންތި ބަސްތާއެއް ވެއްޓުމުގެ ސަބަބުން ޒަހަމްވި ކުޑަ ކުއްޖާ މަރުވެފައިވަނީ މިއަދު މެންދުރުގެ ވަގުތެއްގައެވެ. އެ ކުއްޖާ މަރުވެފައިވަނީ ގިނަ އޮޕްރޭޝަން ތަކަކަށް ފަހު މެޝިނުގެ އެހީގައި ނޭވާލައްވަމުން ގެންދަނިކޮށެވެ.