ދުނިޔެ

ކޮރޯނާ ވައިރަހުން އަރައިގަތުމަށް ޓުއަރިޒަމް ފަށަން ޖެހޭ: އދ

މުހައްމަދު އައުޒަމް

ކޮރޯނާ ވައިރަހުން އަރައިގަތުމަށް ޓުއަރިޒަމް ފަށަން ޖެހޭ ކަމަށް އދ އިން ބުނެފިއެވެ.

އދގެ ސެކެރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރެސް ވިދާޅުވީ ޓުއަރިޒަމް ގެ ސަބަބުން އެއްބައިވަންތަކަމާއި އިތުބާރު ދެމެހެއްޓުމަށް އެހީތެރިވެދޭނެ ކަމަށާއި މިދަނޑިވަޅުގައި ބައިނަލްއަގުވާމީ ފެންވަރުގައި އަވަސް ފުރުސަތެއްގައި މަސައްކަތް ކުރުން މުހިންމު ކަމަށެވެ.

ދުނިޔޭގެ ދަތުރުފަތުރުތައް ހުއްޓި ބިރުވެރިކަން އުފެދި މުސްތަގުބަލުގައި ވާނެ ގޮތް ނޭނގިފައި ވާކަމަށްވެސް ގުޓަރެސް ވަނީ ވިދާޅުވެފައެވެ.

އދގެ ޓުއަރިޒަމާ ބެހޭ ގޮފި (ޔޫއެންޑަބްލިއުޓީއޯ) އިން ހަދާފައިވާ ދިރާސާއިން ވަނީ ޓުއަރިޒަމް ހުއްޓި 120 މިލިއަން ވަޒީފާއަށް އަސަރު ކޮށްފައި ވާނެކަމަށް ބެލެވޭ ކަމަށް ދައްކައިފައެވެ.

ޔޫއެންޑަބްލިއުޓީއޯ އިން ނެރެފައިވާ އެ ރިޕޯޓުގައި ވަނީ ދުނިޔޭގެ ހުރިހާ ގައުމެއްގައިވެސް މިހާރު ކޮންމެވެސް ވަރެއްގެ ދަތުރުފަތުރު ކުރުމުގެ ހުރަސްތަކެއް ހުރިކަން ފާހަގަ ކޮށްފައެވެ. ނަމަވެސް ގިނަ ގައުމުތަކުން ލުއިދެމުން އަންނަކަންވެސް ވަނީ ފާހަގަ ކޮށްފައެވެ.

މިހާރުވެސް ދުނިޔޭގެ %75 ގައުމެގެ ބޯޑަރު އެއްކޮށް ބަންދު ކޮށްފައިވާކަން ޔޫއެންޑަބްލިއުޓީއޯގެ ރިޕޯޓުގައި ފާހަގަ ކޮށްފައިވެއެވެ.

މިދިޔަ މޭ މަހު ޔޫއެންޑަބްލިއުޓީއޯ އިން ވަނީ ގައުމުތަކުން ޓުއަރިޒަމް ފެށުމަށް ހާއްސަ ގައިޑްލައިންތަކެއް ވެސް ތައާރަފު ކޮށްފައެވެ. މި ގައިޑްލައިންގައި ރައްކާތެރިކަމާއެކު ދަތުރުކުރުމާއި ޓުއަރިސްޓުން ތިބޭ ތަންތަން ސާފުކޮށް ބަލަހައްޓާނެ ގޮތުގެ މައުލޫމާތު ހިމަނާފައި ވެއެވެ.