ތ. ކަނޑޫދޫ ދެކުނު ފަރާތު ގޮނޑުދޮށުން އިންސާނެއްގެ ކަށިތަކެއް ފެނިއްޖެއެވެ.
ކަނޑޫދޫ ކައުންސިލްގެ ރައީސް އަލީ ނާސިހް "ވަން" އަށް ވިދާޅުވީ، އެކަށިތައް ފެނުނީ މިއަދު މެންދުރު 12:00 ޖަހާ ކަންހާއިރު ކަމަށެވެ.
"ރަށުގެ މީހަކަށް ފެނިގެން ކައުންސިލަށް އެންގީ. މިހާރު އަޅުގަނޑުމެން މިދަނީ ފުލުހުންނާ ގުޅުމުގެ މަސައްކަތް ކުރަމުން" ނާސިހް ވިދާޅުވިއެވެ.
އެރަށުން "ވަން" އަށް މައުލޫމާތު ދިން މީހަކު ބުނީ، މިހާރު ފެންނަން އޮތީ މޫނުގެ ކަށިގަނޑާއި، އަތުގެ ބައެއް ކަށިތައް ކަމަށެވެ. އަދި އެ ސަރަހައްދު ކޮނެފިނަމަ އިތުރު ކަށިތައް ފެނުން އެކަށީގެންވާ ކަމަށެވެ.
އިންސާނެއްގެ ކަށިތައް ފެނިފައިމިވަނީ ރަށުގެ ދެކުނު ފަރާތުގައި އޮންނަ "ކަނޑޫފާ" ސަރަހައްދުންނެވެ. އެ ސަރަހައްދަކީ މީހުން ދިރިއުޅޭ ސަރަހައްދާ ވަރަށް ދުރުގައި އޮންނަ ސަރަހައްދެކެވެ.