ޓާޓާ ކުންފުނިން ކުރީގެ އަރަބިއްޔާ ސްކޫލް ހުރި ބިމުގައި އިމާރާތްކުރި ފްލެޓްތަކުގެ ބައެއް އެޕާޓްމަންޓްތަކުގެ ބިއްލޫރި ދޮރުތައް ތަޅައިގެންދާ މައްސަލައެއް ފެންމަތިވެއްޖެއެވެ.
މިއަދު ހެނދުނުގެ ވަގުތެއްގައި އެތަނުން ދެ އެޕާޓްމަންޓެއްގެ ދޮރު ތެޅިގެން ފުލުހުން އެސަރަހައްދުގައި ވަނީ ހަރަކާތްތެރިވެފައެވެ.
އެކަމާ ގުޅިގެން ފުލުހުންގެ މީޑިއާ އޮފިޝަލަކު މައުލޫމާތު ދިން ގޮތުގައި އެއްވެސް ފްލެޓެއްގެ ބިއްލޫރިގަނޑު ތަޅައިގެނެއް ނުދެއެވެ. ނަމަވެސް ބިއްލޫރިގަނޑުގައި ރެނދުލައިގެން ބިއްލޫރިގަނޑު ތަޅައިގެން ހިނގައިދާނެ ކަމަށް ފުލުހުންނަށް ރިޕޯޓް ކުރުމުން ލިބިދާނެ ގެއްލުމަކަށް ބަލާ އެ ހިސާބު ބަންދު ކުރީއެވެ.
މީގެ ކުރިންވެސް އެތަނުން ފްލެޓެއްގެ ބިއްލޫރިގަނޑު ވަނީ ތެޅިފައެވެ. މައުލޫމާތު ލިބޭ ގޮތުގައި ބިއްލޫރިގަނޑުގައި ރެނދުލާފައި ވަނީ މާބޮޑަށް ހޫނު ގަދަވުމުގެ ސަބަބުންނެވެ. އެ ފްލެޓް ތަކުގައި ދިރިއުޅޭ މީހަކު މައުލޫމާތު ދިން ގޮތުގައި ބިއްލޫރިގަނޑު ތަޅައިގެން ދިޔައީ "ހަމަ ހުރެފަ" އެވެ. މީގެ އިތުރުން އެގްރީމަންޓްގައި ވާގޮތުގައި ތަޅައިގެންދިޔަ ބިއްލޫރިގަނޑު އަލުން ހަރުކުރަން ޖެހޭނީ ތަނުގައި ދިރިއުޅޭ ފަރާތްތަކުން އަމިއްލަ ހަރަދުގައި ކަމަށްވެސް އެމީހާ ވަނީ މައުލޫމާތު ދީފައެވެ.