ހައުސިން މިނިސްޓަރު އާމިނަތު އާތިފާ އިސްތިއުފާ ހުށަހަޅުއްވައިފިއެވެ.
"ވަން"އަށް ކަށަވަރުވެފައިވާ ގޮތުގައި މިނިސްޓަރު އާތިފާ މިހާރު ވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް އިސްތިއުފާގެ ސިޓީ ހުށަހަޅުއްވައިފައެވެ.
ރައީސް ސޯލިހުގެ ސަރުކާރުގެ ފުރަތަމަ ހައުސިން މިނިސްޓަރު އާތިފާ އިސްތިއުފާ ހުށަހެޅުއްވި ސަބަބެއްގެ ގޮތުގައި ވިދާޅުވެފައިވަނީ ސިއްހީ ހާލަތު ހުރި ގޮތުން ކަމަށެވެ.
އާތިފާ ގެންދަވަނީ މީގެ އަހަރުތަކެއް ކުރިން ފެށިގެން ބޮޑު ބައްޔަކަށް ބޭސް ކުރައްވަމުންނެވެ. އެ ބައްޔަށް ރާއްޖެއިން ބޭރުންވެސް ގިނަ ދުވަސްތަކަކު ފަރުވާ ހޯއްދެވިއެވެ. މިނިސްޓަރުކަމާ ހަވާލުވެވަޑައިގެންނެވީ ހާލަތު ތަންކޮޅެއް ރަނގަޅުވުމާއި ގުޅިގެންނެވެ.
އާތިފާ ޝުކޫރު އިސްތިއުފާ ހުށަހެޅުއްވިކަން ރައީސް އޮފީހުން އަދި ކަށަވަރެއް ނުކޮށްދެއެވެ.
އާތިފާއަކީ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ އިސްވެ ހުންނަވައި އުފެއްދެވި މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް)ގެ ސްލޮޓެއްގައި ވަޒީރުކަން ލިބިވަޑައިގެންނެވި ބޭފުޅެކެވެ.
އާތިފާ އިސްތިއުފާއަށް ހުށަހަޅުއްވާފައި މިވަނީ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އިމާރާތްކުރި ހިޔާ މަޝްރޫގެ ފްލެޓުތަކުގެ މަސައްކަތް ނިމި އަންނަ މަހުގެ ނިޔަލަށް ފްލެޓުތައް އޭގެ ހައްގުވެރީންނަށް ހަވާލުކުރެވޭނެ ކަމަށް މަޖިލީހުގެ ކޮމިޓީއެއްގައި އެކަމަނާ ވިދާޅުވެފައި ވަނިކޮށް، އެއީ އޮޅިގެން މިނިސްޓަރަށް ވިދާޅުވެވުނު އެއްޗެއް ކަމަށް ބުނެ، ހައުސިން މިނިސްޓްރީން ބަޔާނެއް ނެރުމުން ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެފައިވާ ދަނޑިވަޅެއްގައެވެ.
އާތިފާ މަގާމުން އިސްތިއުފާ ދެއްވަން ނިންމަވާފައިވާއިރު އެކަމަނާ މަގާމުން ދުރުކޮށްދިނުމަށް އެދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިންތިހާބުވެވަޑައިގެންނެވި މައްޗަންގޮޅި މެދު ދާއިރާގެ އެމްޑީޕީގެ ރައީސް އިބްރާހިމް ރިޔާޒް، ރައީސް ނަޝީދަށް ވަނީ ސިޓީއެއް ފޮނުއްވައިފައެވެ. އެ ސިޓީގައި ސަރުކާރުގެ ވައުދުތައް ފުއްދުމުގައި މިނިސްޓަރު އާތިފާ ފެއިލްވެފައިވާ ކަމަށާއި އެހެންކަމުން މަޖިލިސް މެދުވެރިކޮށް އެކަމަނާ މަގާމުން ދުރުކުރުމަށް އެދިފައިވެއެވެ. އެކަމަށް މަޖިލީހުގެ ބައެއް މެންބަރުންވެސް ވަނީ ތާއީދުކުރައްވައިފައެވެ.