ކުއްލި ޚަބަރު

ހދ. ޖުޑީޝަލް ދާއިރާގެ ދާއިރާ އިސްމެޖިސްޓްރޭޓް މައުސޫމް ސަސްޕެންޑުކޮށްފި

ހދ. ޖުޑީޝަލް ދާއިރާގެ ދާއިރާ އިސްމެޖިސްޓްރޭޓް މުހައްމަދު މައުސޫމް ސަސްޕެންޑުކުރުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފިއެވެ.

ޖޭއެސްސީން އެގޮތަށް ނިންމާފައިވަނީ މައުސޫމްއާ ގުޅޭގޮތުން ތަހުގީގުކުރަމުން އަންނަ މައްސަލަތަކަކާ ގުޅިގެން އެ ކޮމިޝަނުން މިއަދު ބޭއްވި އޯޑިއޯ ވީޑިއޯ ކޮންފަރެންސް ބައްދަލުވުމުގައެވެ.

ޖޭއެސްސީން ބުނީ މައުސޫމް ފާޅުގައި ރިޝްވަތު ނަގާ ކަމަށް ސޯޝަލް މީޑިއާގައި ފެތުރެމުންދިޔަ ޕޯސްޓުތަކަކާ ގުޅޭ މައްސަލައަކާއި، ޖިންސީ ފުރައްސާރައިގެ މައްސަލައަކާއި، އެނޫން ވެސް މައްސަލަތަކެއް އެ ކޮމިޝަނުން ތަހުގީގުކުރަމުން އަންނަ ކަމަށެވެ.

އެ ތަހުގީގު މިވަގުތު ކުރިއަށް ގޮސްފައިވާ ހިސާބަށް ރިއާޔަތްކޮށް، ތަހުގީގު ކޮމިޓީން މައްސަލައިގެ ތަހުގީގު ފުރިހަމަކޮށް، ކޮމިޝަނުން ވަކިގޮތެއް ކަނޑައަޅަންދެން ޖޭއެސްސީގެ ގާނޫނުގެ ދަށުން އިސްމެޖިސްޓްރޭޓް މައުސޫމް ވަޒީފާއަށް ނުނިކުމެ 60 ދުވަހަށްވުރެ ދިގު ނޫން މުއްދަތަކަށް މަޑުކުރުމަށް އޭނާއަށް އެންގުމަށް އެ ކޮމިޝަނުން ވަނީ ނިންމައިފައެވެ.