މޯލްޑިވިއަން

ސްރީލަންކާގައި ނާދެވި ތިބި ދިވެހިން ރާއްޖެ ގެނައުމަށް މިމަހު 12 އަށް ހަމަޖެއްސި ފްލައިޓު ލަސްކޮށްފި

މަރިޔަމް ޝަހުދާ

ސްރީލަންކާގައި ތިބި ރާއްޖެއަށް އަންނަން ބޭނުންވާ ދިވެހިން ގެނައުމަށް މިމަހު 12 އަށް ހަމަޖެއްސި ފްލައިޓު ލަސްކޮށްފި އެވެ.

"ވަން އޮންލައިން" އަށް މައުލޫމާތު ދެއްވަމުން މޯލްޑިވިއަންގެ ޕަބްލިކް ރިލޭޝަންސް އެންޑް ކޮމިއުނިކޭޝަން މެނޭޖަރު މޫސާ ވަސީމް ވިދާޅުވީ ލަސްކޮށްފައިވަނީ ހަމައެކަނި ކޮލަމްބޯއަށް ފުރުމަށް ހަމަޖެއްސި ފްލައިޓުކަމަށެވެ.

ލަންކާއަށް ކުރަން ނިންމާފައިވާ ދަތުރު ފަސްކުރި ނަމަވެސް މޯލްޑިވިއަންއިން މެލޭޝިއާއަށް ބާއްވަން ހަމަޖައްސާފައިވާ ފްލައިޓަށް ބަދަލެއް ނާންނަ ކަމަށް މޫސަ ވިދާޅުވިއެވެ.

މީގެ އިތުރުން ލަންކާގައި ތިބި ދިވެހިން ރާއްޖެ ގެނައުމަށް ދެން މޯލްޑިވިއަންއިން ދަތުރު ކުރާނެ ތާރީހެއް ފަހުން އަންގާނެ ކަމަށް މޫސަ ވިދާޅުވިއެވެ.

ކޮވިޑް 19ގެ ސަބަބުން މުޅި ދުނިޔޭގެ ދަތުރުފަތުރުތައް ހުއްޓުމަކަށް އައިސްފައިވާއިރު، އެކި ގައުމުތަކުގައި ތިބި ދިވެހިން ވަނީ އަނބުރާ ގައުމަށް ނާދެވި، އެމީހުން ތިބި ގައުމުތަކުގައި ތާށިވެފައެވެ. ރާއްޖޭގެ ސަރުކާރުން ވަނީ އަނބުރާ ރާއްޖެ އަންނަން ބޭނުންވާ މީހުން ރާއްޖެ ގެނައުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ބުނެފައެވެ. އެގޮތުން މިހާރުވެސް ލަންކާ، އިންޑިއާ، ބަންގްލަދޭޝް އަދި ރަޝިއާފެ އިތުރުންވެސް އެހެން ގައުމުތަކުގައި ތިބި އެތައް ދިވެހިންނެއް ވަނީ އެކި ފަހަރުމަތީން ރާއްޖެ ގެނެސްފައެވެ.