ދުނިޔެ

އެއްގޮތަކަށްވެސް ގެއިން ބޭރަށް ނުދާ އެއް ގެޔެއްގެ ގިނަބަކަށް ކޮވިޑް ޖެހުމުން ސުވާލު އުފައްދައިފި

މުހައްމަދު އައުޒަމް

އިންޑިއާގެ އެއް އާއިލާއެއްގެ 17 މީހުން އެއްކޮށް އުޅޭ ގެޔަކަށް ކޮރޯނާ ވައިރަސް ވަދެފައިވާ ގޮތާމެދު އެ އާއިލާއިން ސުވާލު އުފައްދައިފި އެވެ.

އިންޑިއާގެ ދިއްލީގެ ތޮއްޖެހިފައިވާ ސަރަހައްދެއްގައި ދިރިއުޅޭ މިއާއިލާގެ ފަރާތުން މައުލޫމާތު ދެމުން މުކުލް ގާގު ވަނީ މިއީ ބޮޑު ބިރުވެރި ކަމެއް ގޮތުގައި ސިފަ ކޮށްފައެވެ.

މުކުލް ގާގު ވަނީ މިދިޔަ އޭޕްރީލް މަހުގެ 24 ވަނަ ދުވަހު އޭނާގެ ބޮޑުބޭބެގެ ގައިން ބަލީގެ އަލާމާތްތައް ފެންނަން ފެށި ކަމަށް ބުނެފައެވެ. ނަމަވެސް އެއީ މާބޮޑު ކަމަކަށް ނުހަދައި އާދައިގެ ރޯގާއެއްކަމަށް ނިންމިއެވެ.

އޭނާ ބުނީ 48 ގަޑިއިރު ތެރޭ، ގޭގައި ދިރިއުޅޭ އާއިލާގެ އިތުރު 2 މީހެއްގެ ގައިން ބަލި އަލާމާތްތައް ފެންނަން ފެށިކަމަށެވެ. ނަމަވެސް އެއީވެސް މޫސުމީ ރޯގާއެއްކަމަށް ބަލައި އެކަމާ އެހާ ބޮޑަށް އަޅައިނުލާކަމަށް މުކުލް ބުނެފައި ވެއެވެ. މީގެ ކުރިންވެސް އެގޭގައި އެއްފަހަރާ ގިނަ މީހުން ބަލިވެފައި ވާތީ އެއީ އެހާބޮޑު ކަމަކަށް ނުހަދާކަމަށް އޭނާވަނީ ބުނެފައެވެ.

މުކުލް ބުނީ ދެތިން ދުވަހުގެ ތެރޭގައި އެގެއިން 11 މީހެއްގެ ހަށިގަނޑުން ކޮވިޑްގެ އަލާމާތްތައް ފެނުމުން ސާމްޕަލް ނަގައި ޓެސްޓު ހެދުމުން ކޮވިޑް19 އަށް ޕޮޒިޓިވް ވެފައިވާ ކަމަށެވެ.

މުކުލް ބުނީ 17 މީހުން އުޅޭ އެގޭގެ އެއްވެސް މީހަކު ގެއިން ބޭރަށް ނިކުމެފައި ނުވާ ކަމަށާއި ބޭރުން އެއްވެސް މީހަކު ގެޔަށްވެސް ވަދެފައި ނުވާ ކަމަށެވެ. ނަމަވެސް ކޮރޯނާ އެގެޔަށް ވަދެ ފަހަރަކު މީހަކަށް ބަލި ޖައްސާފައިވާކަން އޭނާ ފާހަގަކުރިއެވެ.

އެއް ގެއެއްގައި އުޅޭ 17 މީހުންގެ ތެރެއިން 11 މީހުން ކޮވިޑަށް ޕޮޒިޓިވް ވުމުން އާއިލާގެ އެންމެން ތިބީ ޝޮކެއްގައެވެ. މުކުލްގެ އާއިލާ މިވަނީ ކޮވިޑްގެ ވަކި ކްލަސްޓާ އަކަށް ވެފައެވެ.

މާޗް މަހު އިންޑިއާގައި ލޮކްޑައުން ކޮށް އެތައްބަޔަކު ގޭތެރޭގައި ބަންދުވެ އެގައުމުގެ %40 ގޭގޭގައި މީހުން ގިނަވެ ތޮއްޖެހިފައިވުމާއެކު ވަކި ވަކި ގޭގެއިން ގިނަ ކްލަސްޓާ އުފެދިފައިވާ ކަމަށް އޮފިޝަލުން ބުނެއެވެ.