ދުނިޔެ

ބުރުންޑީގެ ރައީސް އަވަހާރަވެއްޖެ

މުހައްމަދު އައުޒަމް

ބުރުންޑީގެ ރައީސް އަވަހާރަވެއްޖެއެވެ.

ބުރުންޑީގެ ރައީސް ޕީރޭ އެންކުރުންޒިޒާ އުމުރުފުޅުން 55 އަހަރުގައި އަވަހާރަވެފައިވަނީ ހާލުކޮޅު ދެރަވެގެން ހޮސްޕިޓަލުގައި އެޑްމިޓްކޮށް ފަރުވާދެމުން ދަނިކޮށް ހިތް ހުއްޓިގެން ކަމަށް އެގައުމުން ވަނީ ކަށަވަރުކޮށްދީފައެެވެ.

ބުރުންޑީގެ ރައީސް އަކީ ހަރަކާތްތެރި އަދި ކުޅިވަރު ކުޅުއްވުމަށް ޝައުގުވެރިކަން ހުންނަ ބޭފުޅެއްކަމަށް އެގައުމުގެ އޮފިޝަލަކު ވަނީ ބުނެފައެވެ. ރައީސް އަވަހާރަވީ ދުވަހުވެސް ވޮލީ މެޗެއް ބައްލަވައިލެއްވުމަށް ވަޑައިގެންނެވިކަމަށް އޮފިޝަލް ވަނީ ބުނެފައެވެ. އަދި މެޗަށްފަހު އެރޭ ހާލުކޮޅުދެރަވެގެން ހޮސްޕިޓަލަށް ގެންދިޔަކަމަށް ވަނީ ބުނެފައެވެ.

ބުރުންޑީގައި ރައީސް އަވަހާރަ ވުމާއެކު ހިތާމަ ފާޅުކުރުމުގެ ހަތްދުވަސް ވަނީ ސަރުކާރުން އިއުލާން ކޮށްފައެވެ.

ބުރުންޑީގެ ރިޔާސަތުގައި 15 އަހަރު ހިދުމަތް ކުރެއްވުމަށްފަހު އަންނަ އޮގަސްޓު މަހު ދައުރު ހަމަވާއިރު ރައީސް ޕީރޭ އެންކުރުންޒިޒާ ވަނީ އިތުރު ދައުރަކަށް ކުރިމަތިލައްވާނެކަމުގެ އިޝާރާތެއްވެސް ކުރައްވައިފައެވެ.

ބުރުންޑީގެ ރައީސް އަވަހާރަވުމާ އެކު، ބައެއް މީޑިއާ ރިޕޯޓުތަކުގައި ވަނީ ޝައްކުތައް އުފެދޭ ކަންކަން ހުރި ކަން ހާމަކޮށްފައެވެ. އެގޮތުން ރައީސްގެ އަނބިކަނބަލުން ކޮވިޑަށް ޕޮޒިޓިވް ވެފައިވާއިރު ރައީސް އަވަހާރަ ވުމާ ކޮވިޑާ ގުޅުން ހުރެދާނެ ކަމަށްވެސް ބައެއް ރިޕޯޓުތަކުން ފާހަގަކޮށްފައި ވެއެވެ.