އައިޖީއެމްއެޗް

ސިމެންތި ބަސްތާ ބޮލަށް ވެއްޓުނު ހާދިސާ: ކުއްޖާގެ ހާލު ވަރަށް ސީރިއަސް، ނޭވާލައްވަނީ މެޝިނުން: އައިޖީއެމްއެޗް

ޝަހީދާ އަބްދުﷲ ސައީދު

ބޮލަށް ސިމެންތި ބަސްތާ ވެއްޓުނު އަށް އަހަރުގެ ކުއްޖާގެ އިތުރު އޮޕަރޭޝަނެއް ކޮށްފައިވާ ކަމަށާއި އެ ކުއްޖާގެ ހާލު ވަރަށް ސީރިއަސް ކަމަށް އައިޖީއެމްއެޗުން ބުނެފި އެވެ.

''ވަންއޮންލައިން''އަށް މައުލޫމާތު ދެއްވަމުން އައިޖީއެމްއެޗްގެ ޑެޕިއުޓީ ސީއީއޯ އަދި މީޑިއާ އޮފިޝަލް މުހައްމަދު މުފީދު ވިދާޅުވީ އެ ކުއްޖާގެ އިތުރު އޮޕަރޭޝަނެއް ކުރީ ދޭ ދަންވަރު ކަމަށާއި މިހާރު ވެސް ކުއްޖާގެ ހާލު ވަރަށް ދަށް ކަމަށެވެ. އަދި ނޭވާ ލައްވަނީ ވެންޓިލޭޓަރު (ނޭވާ ލައްވާ މެޝިން)ގެ އެހީގައި ކަމަށް ވެސް މުފީދު ވިދާޅުވި އެވެ.

އިތުރު އޮޕަރޭޝަނެއް ކުރި ކަމަށް ވިދާޅުވި ނަމަވެސް ފަހުން ކޮށްފައިވަނީ ކޮން ކަހަލަ އޮޕަރޭޝަނެއް ކަމެއް މުފީދު ވިދާޅެއް ނުވެއެވެ. އިއްޔެގެ ވަގުތެއްގައި ވެސް އެކުއްޖާގެ އޮޕަރޭޝަނެއް ކޮށްފަ ވެއެވެ.

އިއްޔެ ހެނދުނު 10:45 އެހާކަށްހާއިރު މާލޭގެ މަގެއްގެ މަތިން ހިނގާފައި ދިޔަ ބަންގްލަދޭޝްގެ ހަތް އަހަރުގެ ކުއްޖެއްގެ ބޮލަށް އިމާރާތެއްގެ މަތިން ސިމެންތި ބަސްތާ ވެއްޓުނު ހާދިސާގައި އެކުއްޖާއަށް ވަނީ ވަރަށް ބޮޑެތި ސީރިއަސް އަނިޔާތައް ލިބިފައެވެ.

އެހާދިސާގައި ކުއްޖާގެ ފަޔަށާއި ކޮނޑު ހުޅަށް ވެސް ވަނީ ބޮޑެތި އަނިޔާތަކެއް ލިބިފަ އެވެ. އަދި ކުއްޖާގެ ހަށިގަނޑު ތެރެއަށް ވެސް ވަނީ ލޭ އެޅިފަ އެވެ. އެ

ސިމެންތި ބަސްތާ ވެއްޓުނީ ސަންފްރޮންޓް ލައިޓް ހުންނަ މ. ނަލަހިޔާ މަންޒިލްގައި ހަދަމުން އަންނަ އިމާރާތުގެ ފަސް ވަނަ ބުރިންނެވެ.

މާލޭ ސިޓީ ކައުންސިލުން ބުނެފައިވާ ގޮތުގައި އެއިމާރާތުގައި މަސައްކަތް ކުރަމުން ދިޔައީ ހުއްދަ ނުނަގައެވެ. އަދި މަގުމަތީގައި އެވަގުތު ޖަހާފައިވާ ބޯޑަކީ މީގެކުރިން އެކުންފުނިން މިސްކިތެއްގެ ބޭރުގެ މަސައްކަތެއް ކުރުމަށް ކަމާބެފޭ ފަރާތުން ދޫކޮށްފައިވާ ބޯޑެއް ކަމަށް ވެސް ސިޓީ ކައުންސިލުން ބުނެއެވެ.