ކ. ދިއްފުށީގައި ހައްދައި ބޮޑުކުރަމުންދިޔަ ކެނަބިސް ގަހެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
"ވަން" އަށް މައުލޫމާތުދެއްވަމުން ދިއްފުށީ ކައުންސިލުގެ ނައިބު ރައީސް އިބްރާހިމް މުބައްޝިރު ވަނީ އެރަށުގައި ހައްދަމުންދިޔަ ކެނަބިސް ގަހެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާކަން ކަށަވަރުކޮށްދެއްވައިފައެވެ.
މުބައްޝިރު ވިދާޅުވީ، ފުލުހުންގެ ބެލުމުގެ ދަށަށް އެގަސް ގެންގޮސްފައިވަނީ މިއަދު މެންދުރުފަހުގެ ވަގުތެއްގައި ކަމަށެވެ. އިތުރު ތަފްސީލެއް އޭނާ ނުދެއްވައެވެ.
މި މައްސަލައާ ގުޅިގެން ފުލުހުންގެ ބަހެއް އަދި ލިބިފައި ނުވާ އިރު، މި މައްސަލައިގައި އެއްވެސް މީހަކު ހައްޔަރުކޮށްފައިވާ ކަމެއްވެސް އެނގިފައެއް ނުވެއެވެ.
ކެނަބިސް ގަހުގެ ފަތަކީ މަސްތުވާތަކެތި އުފެއްދުމަށް ބޭނުން ކުރާ ފަތެކެވެ.