ކުއްލި ޚަބަރު

ވެންޓިލޭޓަރު ގެނައުން: އެންމެ ފަހުން ދިން ތާރީހަށްވެސް ނުލިބުނު، މިހާރު އާ ތާރީހެއް ނެތް: މަބްރޫކް

އެންމެ ފަހުން ދިން ތާރީހަށްވެސް ވެންޓިލޭޓަރުތައް ލިބިފައި ނުވާ ކަމަށާއި މިހާރު އާ ތާރީހެއް ނެތް ކަމަށް ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެންއީއޯސީ)ގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަބްދުލް އަޒީޒު ވިދާޅުވެއްޖެއެވެ.

އެންއީއޯސީގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކު ވިދާޅުވީ މިމަހުގެ ފުރަތަމަ ހަފުތާގެ ތެރޭގައި އިތުރު ވެންޓިލޭޓަރުތަކެއް ރާއްޖެ ގެނެވޭނެ ކަމުގެ މައުލޫމާތު ލިބުނު ނަމަވެސް އަދި އެ ވެންޓިލޭޓަރުތައް ރާއްޖެ ގެނެވިފައި ނުވާ ކަމަށެވެ.

"ވެންޓިލޭޓަރުތަކާ ގުޅޭގޮތުން އަޅުގަނޑު ކޮންމެ ހަފުތާއަކު ވެސް ބަލަން އަޕްޑޭޓެއް ނެގޭތޯ. އަޅުގަނޑަށް އެންމެ ފަހުން މައުލޫމާތު ލިބުނީ މި ޖޫން މަހުގެ ފުރަތަމަ ހަފުތާގެ ތެރޭގައި އިތުރު ވެންޓިލޭޓަރުތަކެއް އާދެއޭ. އަޅުގަނޑު އެ މައުލޫމާތު ތިބޭފުޅުންނާ ވެސް ހިއްސާކުރިން. މިހާތަނަށް އައި އިރު، އައިސްފައެއް ނުވޭ. އަޕްޑޭޓެއް ބަލައިލަ ދޭނަން. މިވަގުތަކު އޭގެ އަޕްޑޭޓެއް ނެތް." އޭނާ ވިދާޅުވިއެވެ.

ރާއްޖެއަށް ބޭނުންވާ 145 ވެންޓިލޭޓަރު ގެންނަން ސަރުކާރުން ހަވާލުކުރީ ދިވެހި ދެ ކުންފުންޏަކާއި ދުބާއީގެ ކުންފުންޏަކާއެވެ. އެގޮތުން ދިވެހި ދެ ކުންފުނީގެ ތެރެއިން މެޑްޓެކް މޯލްޑިވްސްއާ 50 ވެންޓިލޭޓަރު ގެންނަން ހަވާލުކުރި އިރު، ނާޑް ކުންފުންޏާ 20 ވެންޓިލޭޓަރު ގެންނަން ވަނީ ހަވާލުކޮށްފައެވެ. އަދި 75 ވެންޓިލޭޓަރެއް ގެނައުމުގެ މަސައްކަތް ހަވާލުކުރީ ދުބާއީގެ އެގްޒެކިއުޓާ ޖެނެރަލް ޓްރޭޑިންއާއެއެވެ.

އެންމެ ފަހުން ރާއްޖެއަށް ވެންޓިލޭޓަރުތަކެއް ގެނެސްފައިވަނީ މިދިޔަ މަހުގެ 21 ވަނަ ދުވަހުއެވެ. އެ ދުވަހު ދިހަ ވެންޓިލޭޓަރު ގެނެސްފައިވަނީ ޑުބާއީ އިންނެވެ. އެއާއެކު ރާއްޖޭގައި މިހާރު ހުރީ ޖުމުލަ 129 ވެންޓިލޭޓަރެވެ.