ކުއްލި ޚަބަރު

ނިއު ނޯމަލްއަށް ދާއިރު، ރާއްޖޭގެ ފަސް ސަރަހައްދުގައި ވެސް ކޮވިޑަށް ޓެސްޓުކުރާނީ ޕީސީއާރް މެޝިނުގައި: މަބްރޫކް

ނިއު ނޯމަލްއަށް ދާއިރު، ރާއްޖޭގެ ފަސް ސަރަހައްދުގައި ވެސް ކޮވިޑަށް ޓެސްޓުކުރާނީ ޕީސީއާރް މެޝިނުގައި ކަމަށް ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެންއީއޯސީ)ގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަބްދުލް އަޒީޒު ވިދާޅުވެއްޖެއެވެ.

އެންއީއޯސީގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކު ވިދާޅުވީ ހުރިހާ ސަރަހައްދެއްގައި ވެސް ޓެސްޓު ހެދޭނެ އިންތިޒާމު ހަމަޖެހިފައި ހުރުމަކީ މުހިންމު ކަމެއް ކަމަށް ދެކިގެން އެ މަސައްކަތައް ކުރަމުން އަންނަ ކަމަށެވެ.

"ފަސް ސަރަހައްދުގައި ވެސް ޕީސީއާރް ޓެސްޓު ހެދޭނެ ކެޕޭސިޓީ ބިލްޑު ކުރުން މުހިންމު ކަމެއް ކަމަށް އަޅުގަނޑުމެން ނިއު ނޯމަލްއަކަށް ނުވަތަ ލޮކްޑައުން ނިމިގެން އާންމު ހާލަތަށް ދަތުރުކުރާ އިރުވެސް، ދެން ރާއްޖެ ހުޅުވާލެވިގެން ދާއިރުވެސް އަބަދުވެސް ހުރިހާ ސަރަހައްދެއްގައި ޓެސްޓު ހެދޭނެ ކެޕޭސިޓީ ހުރުމަކީ މުހިންމު ކަމެއް ކަމަށް ފެނިގެން ފަސް ސަރަހައްދުގައި ވެސް ޓެސްޓިން ކެޕޭސިޓީ ބިލްޑުކުރަން ޕޭލޭންކުރެވިގެން މަސައްކަތްކުރެވެނީ،" އޭނާ ވިދާޅުވިއެވެ.

މަބްރޫކު ވިދާޅުވީ ފަސް ސަރަހައްދުގައި ޕީސީއާރް ޓެސްޓު ހެދުމަށް ބޭނުންވާ މެޝިންތައް ގަތުމުގެ މަސައްކަތްކުރަމުން އަންނަ ކަމަށާއި އެތަކެތި ރާއްޖެ ގެނެވޭނެ ދުވަހެއް ބެލުމަށްފަހު އަންގައިދޭނެ ކަމަށެވެ.

މިދިޔަ އާދީއްތަ ދުވަހުގެ ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހެލްތު މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓަރު ޖެނެރަލް ނަޔާޒް އަހުމަދު ވަނީ އައްޑޫ ސިޓީ އާއި ކުޅުދުއްފުށި ސިޓީ އަދި ބ. އޭދަފުށީގައި ޕީސީއާރު ޓެސްޓު ހެދުމުގެ މަސައްކަތް ފެށުމަށް ތައްޔާރުވަމުން އަންނަ ކަމަށް ވިދާޅުވެފައެވެ. އައްޑޫ، ކުޅުދުއްފުށި އަދި އޭދަފުށީގައި ޕީސީއާރް ޓެސްޓު ހެދުމަށް މެޝިން ބެހެއްޓޭނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"ޕީސީއާރު މެޝިން ތިން ތަނެއްގައި ގާއިމުކުރެވޭ. އެއީ ކުޅުދުއްފުއްޓާއި އައްޑޫ އަދި އޭދަފުށި. އަޅުގަނޑުމެން މިހާރު ވާނީ ޕީސީއާރު އައްޑޫއާއި ކުޅުދުއްފުށިން، ކޮންމެ ހޮސްޕިޓަލަކުން ދެ ލެބް ޓެކްނީޝަނުން ގެނެސް ޓްރޭނިން ދީފައި. އައްޑޫގެ ލެބް ޓެކްނީޝަނުން މިހާރު އައްޑޫއަށް ވަޑައިގެންފި. ކުޅުދުއްފުށީގައި ލެބް ޓެކްނީޝަނުން އިރާދަކުރެއްވިއްޔާ މާދަމާ ވަޑައިގެން، އެބޭފުޅުންގެ ކަރަންޓީނު މުއްދަތު ނިމިގެން ހިދުމަތް ދޭން ފަށާނެ،" އޭނާ ވިދާޅުވިއެވެ.

ނަޔާޒް ވިދާޅުވީ އޭޕްރީލް 15 ވަނަ ދުވަހު މާލެއިން ފުރަތަމަ ކޮވިޑް ކޭސް ފެނުމާއެކު އަތޮޅު ތެރޭގެ ފަސް ރީޖަނެއްގައި ކޮވިޑް ހެލްތު ފެސިލިޓީސް ގާއިމުކުރުމަށް ސަރުކާރުން ނިންމި ކަމަށާއި އެ ރީޖަންތަކުގައި ޖީން އެކްސްޕާޓް މެޝިން ބަހައްޓާ ގޮތަށް ހަމަޖެހިފައިވާ ކަމަށެވެ. އެ ފެސިލިޓީސްތައް ހުންނާނީ ށ. ފުނަދޫ، ބ. އޭދަފުށި، ލ. ގަން، ގއ. ވިލިނގިލި، އައްޑޫ ސިޓީ، ހއ. އިހަވަންދޫ އަދި ފުވައްމުލަކު ސިޓީގައި ކަމަށް އޭނާ ވިދާޅުވިއެވެ.