ކުއްލި ޚަބަރު

ލޮކްޑައުންއަށް ދޭނެ އިތުރު ލުއިތަކުގެ މައުލޫމާތު މާދަަންރޭ އިއުލާނުކުރަނީ

ލޮކްޑައުންއަށް ދޭނެ އިތުރު ލުއިތަކުގެ މައުލޫމާތު މާދަަންރޭ އިއުލާނުކުރާނެ ކަމަށް ނޭޝަނަލް އިމަޖެންސީ އޮަޕަރޭޝަންސް ސެންޓަރު (އެންއީއޯސީ)ގެ ތަރުޖަމާނު މުހައްމަދު މަބްރޫކު އަބްދުލް އަޒީޒު ވިދާޅުވެއްޖެއެވެ.

އޭޕްރީލް މަހުގެ 15 ވަނަ ދުވަހު މާލެ ސިޓީން ކޮވިޑްގެ ބަލި މީހަކު ފެނުމާ ގުޅިގެން މާލެ ސަރަހައްދަށް އިއުލާން ކޮށްފައިވާ ލޮކްޑައުންގެ ހާލަތު އަދިވެސް އުވާނުލި ނަމަވެސް، މިދިޔަ މެއި މަހުގެ 29 އިން ފެށިގެން ލޮކްޑައުންގެ ހާލަތުގައި ހިފަހައްޓާފައިވާ ގިނަ ކަންތައްތަކަށް ލުއިތަކެއް ވަނީ ދީފައެވެ.

ފުރަތަމަ ފޭސްގެ ދަށުން އެ ލުއިތައް ދީފައިވަނީ ދެ ހަފްތާގެ މުއްދަތަށެވެ. އަދި އެ މުއްދަތުގައި ކޮވިޑުގެ ހާލަތަށް ރިޔާއަތް ކުރުމަށްފަހު އިތުރު ލުއިތަކެއް ދޭން ނިންމާނެ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވަނީ ނިންމައިފައެވެ.

އެންއީއޯސީގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކު ވިދާޅުވީ، ކުރިއަށް ހުރި ފޭސްތަކުގައި ދޭނެ ލުއިތައް އެނގި، ތައްޔާރުވާން ބޭނުންވާނެކަން ގަބޫލުކުރައްވާ ކަމަށެވެ. އެގޮތުން މިރޭ ވެސް އެ މައުލޫމާތު ހިއްސާކުރަން އޮތްނަމަވެސް ޕޮލިސީ ބައްދަލުވުންތަކެއް ކުރިއަށްދާތީ އެ މައުލޫމާތު ހިއްސާ ނުކުރެވުނީ ކަމަށް ވިދާޅުވިއެވެ.

"އިރާދަކުރެއްވިއްޔާ މާދަމާ ރޭ ސާފުކޮށް ކުރިއަށްހުރި މަރުހަލާތައް ހިނގާނެ ގޮތް ކިޔައިދިނުމަށްޓަކައި ހެލްތު މިނިސްޓްރީގެ ފަރާތުން ޕްލޭނިންގައި މަސައްކަތްކުރާ ބޭފުޅުން ތިބޭފުޅުންނާ ބައްދަލުކުރައްވާ އެކަން ކޮށްދެވޭނެ ކަމަށް،" މަބްރޫކު ވިދާޅުވިއެވެ.