އެއްވެސް ވޯޑެއްގައި މަސައްކަތްކުރާ ޑޮކްޓަރުންނަށް ފްރޮންޓްލައިން އެލަވަންސް ލިބޭނެ ނަމަ އެވޯޑެއްގެ ނަރުހުންނަށްވެސް ލިބޭނެ ކަމަށް ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެންއީއޯސީ)ގެ ތަރުޖަމާނު މުހައްމަދު މަބްރޫކު އަބްދުލް އަޒީޒު ވިދާޅުވެއްޖެއެވެ.
ކޮވިޑާ ގުޅިގެން ފްރަންޓްލައިންގައި މަސައްކަތްކުރާ މީހުންނަށް ސަރުކާރުން ދޭން ނިންމާފައިވާ އެލަވެންސް އައިޖީއެމްއެޗްގެ ބައެއް ޑޮކްޓަރުންނަށް ލިބިފައި، އެ ހޮސްޕިޓަލުގެ ވޯޑުތަކުގައި މަސައްކަތްކުރާ ނަރުހުންނަށް ނުލިބޭ ކަމުގެ ޝަކުވާ ބައެއް ނަރުހުން އަންނަނީ ކުރަމުންނެވެ.
އެންއީއޯސީގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެކަމާ ގުޅިގެން "ވަން" އިން ސުވާލުކުރުމުން މަބްރޫކު ވިދާޅުވީ، ކޮވިޑް އެލަވެންސް ދެމުންދަނީ އިދާރާތަކުން އެތަނެއްގައި މަސައްކަތްކުރާ ރިސްކު ލެވެލްގެ މުވައްޒަފުންނާއި އެމީހުންގެ އަދަދު ފިނޭންސް މިނިސްޓްރީއާ ހިއްސާކުރުމުން، އެ މިނިސްޓްރީން ފައިސާ ދޫކުރާ ގޮތަށް ކަމަށެވެ.
އެހެންނަމަވެސް އެއް ވޯޑެއްގައި މަސައްކަތްކުރާ ނަރުހަކާއި ޑޮކްޓަރަކާއި ތަފާތެއް ނުކުރެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ވިދާޅުވީ، އައިޖީއެމްއެޗްގެ ވެސް ބައެއް ޑޮކްޓަރުންނަށް އެލަވެންސް ނުލިބޭ ގޮތަށް ހަދާފައިވާ ކަމަށެވެ.
"އަޅުގަނޑަށް ސާފުކޮށް ބުނަން ކެރޭ ނަރުހަކު މަސައްކަތްކުރާ ވޯޑުގައި މަސައްކަތްކުރާ ޑޮކްޓަރަކަށް އެ ފައިސާ ލިބެންޔާ އެ ވޯޑުގައި މަސައްކަތްކުރާ ނަރުހަކަށް އެ ފައިސާ ލިބޭނެ. ލިބެންވެސް ޖެހޭނެ. އެކަން އެގޮތަށް ކުރައްވާނީ ވެސް އައިޖީއެމްއެޗުން،" މަބްރޫކު ވިދާޅުވިއެވެ.
ފްރަންޓްލައިންގައި މަސައްކަތްކުރާ މީހުން ތިން ގިންތިއަކަށް ބަހާލައިގެން ހާއްސަ އެލަވެންސެއް ދޭން ސަރުކާރުން ނިންމާފައިވާ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު އިއުލާންކުރެއްވީ މިދިޔަ މެއި މަހުގެ ހަތް ވަނަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.
ފިނޭންސް މިނިސްޓްރީއާ ހަވާލާދީ މަބްރޫކު މީގެ ކުރިން ވިދާޅުވެފައިވަނީ، މާޗް މަހުން ފެށިގެން ލިބެންޖެހޭ އެލަވެންސް މިމަހުގެ ފަހުކޮޅު ދޫކުރާނެ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފައިވާ ކަމަށެވެ.
އެލަވެންސް ދިނުމަށް ކަނޑައަޅާފައިވާ ފުރަތަމަ ގިންތީގައި ހިމެނެނީ ފްރަންޓްލައިންގައި މަސައްކަތްކުރާ ހައި ރިސްކު މީހުންނެވެ. އެއީ ކޮވިޑް 19 އަށް ޕޮޒިޓިވްވާ ފަރާތްތަކަށް ނުވަތަ ބަލި ހުރެދާނެ ކަމަށް ބެލެވޭ ހައި ރިސްކު މީހުންނާއި ތަކެއްޗާ ގާތުން ދިމާވެދާނެ މީހުންނެވެ. އޭގެ ތެރޭގައި މި ހިމެނެނީ މެޑިކަލް ޑޮކްޓަރުންނާއި ނަރުހުންނާއި ޓެސްޓު ސާމްޕަލް ނަގާ މީހުންނާއި ލެބް ޓެކްނީޝަނުންނާއި ކޮވިޑަށް ޕޮޒިޓިވްވާ މީހުން އެއްތަނުން އަނެއް ތަނަށް ގެންދާ އުޅަނދުތަކުގައި މަސައްކަތްކުރާ މީހުން އަދި ޕޮޒިޓިވްވާ މީހުން ތިބޭ ކޮޓަރި/ ވޯޑަށް ވަންނަންޖެހޭ މީހުންނެވެ.
އެމީހުންނަށް އެލަވެންސެއްގެ ގޮތުގައި މަސައްކަތަށް ނުކުންނަ ކޮންމެ ދުވަހަކަށް 500 ރުފިޔާ ދިނުމަށް ވަނީ ނިންމައިފައެވެ.
ދެވަނަ ގިންގީގައި ހިމެނެނީ ފްރަންޓްލައިންގައި މަސައްކަތްކުރާ މީޑިއަމް ރިސްކު މީހުންނެވެ. އެއީ ޕޮޒިޓިވްވާ މީހުންނަށް ސީދާ ގޮތުން ހިދުމަތް ދޭން ނުޖެހޭ ނަމަވެސް ހައި ރިސްކު މީހުންނާއެކު ސީދާ މަސައްކަތް ކުރަންޖެހޭ މީހުންނެވެ. އެމީހުންނަށް އެލަވެންސެއްގެ ގޮތުގައި މަސައްކަތަށް ނުކުންނަ ކޮންމެ ދުވަހަކު 250 ރުފިޔާ ލިބޭނެއެވެ.
ތިން ވަނަ ގިންތީގައި ހިމެނެނީ ފްރަންޓްލައިންގައި މަސައްކަތްކުރާ ލޯ ރިސްކު މީހުންނެވެ. އެއީ އެއްވަނަ އަދި ދެވަނަ ގިންތިއަށް ނުފެތޭ ނަމަވެސް ކޮވިޑް 19ގެ ކަންތައް ވިލަރެސް ކުރަމުން ގެންދާ ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ)ގައި މަސައްކަތްކުރާ މީހުންގެ ތެރެއިން ދުވާލެއްގެ މައްޗަށް ހަ ގަޑިއިރު ހޭދަކުރާ މީހުންނެވެ.
މި މީހުންނަށް އެލަވެންސެއްގެ ގޮތުގައި ދިނުމަށް ހަމަޖެހިފައިވަނީ މަސައްކަތަށް ނުކުންނަ ކޮންމެ ދުވަހަކު 200 ރުފިޔާއެވެ.
މިނިސްޓަރު އަމީރު ވިދާޅުވި ގޮތުގައި ކޮވިޑް 19ގެ ކަންކަމުގައި ފްރަންޓްލައިންގައި މަސައްކަތްކުރާ މީހުންގެ ތެރެއިން ވެސް ސިޔާސީ މަސައްކަތްކުރާ މީހުންނާއި ހައި ރިސްކު ކެޓަރީގައި ހިމެނޭ ފަރާތްތައް ފިޔަވައި ޑެޕިއުޓީ މިނިސްޓަރެއްގެ މުސާރައަށްވުރެ މަތިން މުސާރަ އާއި އެލަވެންސް ލިބޭ މީހުން އަދި އެމީހަކު ވަޒީފާ އަދާކުރާ ކުންފުންޏަކުން ކޮވިޑް 19އާ ގުޅިގެން އިތުރު އެލަވެންސެއް ދޭ މީހުންނަށް ފަރަންޓްލައިން އެލަވަންސެއް ނުލިބޭނެއެވެ.