ރާއްޖޭން ބޭސް ނުކުރެވޭ ބޮޑެތި ބަލިތަކުގެ 37 މީހަކު އިންޑިއާއަށް ފޮނުވަން މަސައްކަތްކުރަމުން އަންނަ ކަމަށް ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެންއީއޯސީ)ގެ ތަރުޖަމާނު މުހައްމަދު މަބްރޫކު އަބްދުލް އަޒީޒު ވިދާޅުވެއްޖެއެވެ.
އެންއީއޯސީގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކު ވިދާޅުވީ، އާސަންދައިގެ ހަރަދުގައި ރާއްޖެއިން ބޭރަށް ފޮނުވަން މަސައްކަތްކުރާ އެ 37 މީހުންގެ ތެރޭގައި ގިނައީ ކެންސަރު ބައްޔަށް ފަރުވާ ހޯދާ މީހުން ކަމަށެވެ. އަދި އެމީހުން ގެންދިއުމަށް މަސައްކަތް ކުރަމުން އަންނަނީ އިންޑިއާއަށް ކަމަށް ވެސް ވިދާޅުވިއެވެ.
ނަމަވެސް އިންޑިއާ ސަރުކާރާއެކު މިހާތަނަށް ކުރި މަޝްވަރާތަކުން އެގައުމަށް ފްލައިޓެއް ދަތުރުކުރުމުގެ ހުއްދަ ލިބިފައިނުވާ ކަމަށް މަބްރޫކު ވިދާޅުވިއެވެ،
އެންއީއޯސީގައި މިދިޔަ މެއި މަހުގެ 31 ވަނަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އާސަންދަ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މަރިޔަމް ޝަފީގު ވިދާޅުވީ، ރާއްޖެއިން އެއްވެސް ވަރަކަށް ލިބެން ނެތް ފަރުވާތައް ހޯދަންޖެހޭ 33 މީހަކު އެބަ ތިބި ކަމަށެވެ. އަދި އެމީހުން ބޭރަށް ގެންދިއުމަށް ފޮރިން މިނިސްޓްރީން ސްރީލަންކާ އާއި އިންޑިއާއާ ވާހަކަދައްކަވަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.