އިތުރު 26 މީހަކު ޕޮޒިޓިވްވެ، ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވީ މީހުންގެ އަދަދު 1942 އަށް އަރައިފިއެވެ.
ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެންއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވީ 19 ދިވެއްސަކާއި ހަތް ބިދޭސީއަކު ކަމަށެވެ.
"މި 26 ކޭސްގެ ތެރޭގައި ހިމެނެނީ ހަތް ބިދޭސީންނާއި 19 ދިވެހިން. މީގައި ވެސް ބޮޑުބަޔަކީ އުމުރުން 18 އަހަރާއި 40 އަހަރާ ދެމެދުގެ މީހުން. ކްލަސްޓާތަކަށް ބަލާއިރު، 26 މީހުން ހިމެނިފައިމިވަނީ އަޅުގަނޑުމެންގެ ޓްރިޕަލް ސީ ކްލަސްޓާއަށް ދެ މީހުން، އިންޑިޕެންޑަންޓް ހަ މީހަކާއި، ޓްރިޕަލް ކޭ ކްލަސްޓާގެ ދެ މީހަކާއި އަދި ސްމޯލް ކްލަސްޓާތަކުގެ ތެރެއަށް ފެތިގެންދިޔަ 16 މީހަކާ،" އޭނާ ވިދާޅުވިއެވެ.
ރާއްޖޭގައި ކޮވިޑަށް ފަރުވާ ހޯދަމުންދިޔަ އިތުރު 85 މީހަކު ވެސް މިއަދު ވަނީ ރަނގަޅުވެފައެވެ. އެއާއެކު މިހާރު ކޮވިޑަށް ފަރުވާ ހޯދަމުންދިޔަ ޖުމުލަ 1010 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ.
ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން އަށް މީހަކު ވަނީ މަރުވެފައެވެ. އެއީ އުމުރުން ދުވަސްވީ ހަތަރު ދިވެއްސަކާއި ބަންގުލަދޭޝްގެ ހަތަރު މީހެކެވެ.