ފަރުމަސްވެރިކަމަށް ދިއުމަށް ރަޖިސްޓްރީކޮށްފައިވާ ކަމަށް މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ނަޝީދު މިފަދައިން ވިދާޅުވީ، ޒޫމް މެދުވެރިކޮށް މިރޭ ބޭއްވި އެމްޑީޕީ ޔޫތު ވިންގުގެ ބައްދަލުވުމުގައެވެ.
އެ ބައްދަލުވުމުގައި ނަޝީދު ވިދާޅުވީ، ކޮވިޑް 19ގެ ސަބަބުން ގެތަކުގައި އެންމެން ތިބޭއިރު ނަފުސާނީ ދުޅަހެޔޮކަމަށް ސަމާލުކަން ދިނުމަކީ މުހިންމު ކަމެއް ކަމަށާއި ގޭތަކުގައި ތިބޭއިރު ކަސްރަތުކުރުމަކީވެސް މުހިންމު ކަމެއް ކަމަށެވެ.
މީގެ އިތުރުން ނަޝީދު ވިދާޅުވީ "ފިޓް"ކޮށް ހުންނަނީ ނަމަ ވައިރަސް ޖެހުމުގެ ފުރުސަތު ކުޑަވާ ކަމަށެވެ. އަދި ހެލިފެލިވެ އުޅުމަކީ މުހިންމު ކަމެއް ކަމަށާއި އެހެންކަމުން ފަރުމަހަށް ދިއުމަށް ފަރުމަސްވެރިއެއްގެ ގޮތުގައި ރަޖިސްޓްރީ ކުރެވޭތޯ ދަންވާފައިވާނެ ކަމަށެވެ.
"އަޅުގަނޑު ވާނީ ފަރުމަސްވެރިއެއްގެ ގޮތުގައި ރަޖިސްޓްރީވޭތޯ ދަންނަވާފައި، ދެން ނޭނގެ ވާނެ ގޮތެއް،" ނަޝީދު މިހެން ވިދާޅުވިއެވެ.
މާލޭ ސަރަހައްދުގެ ލޮކްޑައުންނަށް ލުއިދިނުމުގެ ފުރަތަމަ މަރުހަލާގެ ދުވަސްތައް ގުނަމުންދާއިރު، ފުރަތަމަ މަރުހަލާގައި ފަރުމަސްވެރިކަމަށް ހުއްދަ ދިނުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ނިންމާފައެއް ނުވެއެވެ. ނަމަވެސް އެކަމާ ފަރުމަސްވެރިކަން ކުރާ މަސްވެރިން ކަންބޮޑުވުން ފާޅުކުރަން ފެށުމުން މާލެ ސަރަހައްދުގެ މަސްވެރިންގެ ނަން ނޯޓުކޮށް މައުލޫމާތު އެއްކުރަމުން އަންނަ ކަމަށް މާލެ ސިޓީގެ މޭޔަރު ޝިފާ މުހައްމަދު ވަނީ ވިދާޅުވެފައެވެ.
ކޮވިޑް 19ގެ މިދަނޑިވަޅުގައި މާލެ ސަރަހައްދުގައި ދުވަހު އާމްދަނީއަށް މަސައްކަތް ކުރަމުން އަންނަ މަސްވެރިންނަށް މަހަށް ދެވޭނެ ލުއި ގޮތްތަކެއް ހަމަޖައްސައިދިނުމަށް ދިވެހި މަސްވެރިންގެ ޖަމިއްޔާއިން ވެސް ވަނީ ގޮވާލައިފައެވެ.