އަލީ ޔާމިން
ފަތުރުވެރިކަން ރަނގަޅަށް ފަށައިގަނެވޭނެ ކަމަށް ބެލެވެނީ އޮގަސްޓް ނުވަތަ ސެޕްޓެމްބަރު މަހުގެ ތެރޭގައި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ނަޝީދު މިހެން ވިދާޅުވީ، ޒޫމް މެދުވެރިކޮށް މިރޭ ބޭއްވި އެމްޑީޕީގެ ޔޫތު ވިންގުގެ ބައްދަލުވުމުގައެވެ.
އެގޮތުން ނަޝީދު ވިދާޅުވީ، ރާއްޖެއަށް އެންމެ ބޮޑު އާމްދަނީއެއް ލިބޭ އެއް ސިނާއަތަކީ ފަތުރުވެރިކަމުގެ ސިނާއަތް ކަމަށާއި ނަމަވެސް ކޮވިޑުގެ ސަބަބުން އެ ސިނާއަތް ހުއްޓުމަކަށް އައިސްފައިވާ ކަމަށެވެ. އަދި ރާއްޖެ އަލުން ފަތުރުވެރިކަމަށް ހުޅުވާލަން ދުވަސްކޮޅެއް ނަގާނެ ކަމަށް ގަބޫލުކުރައްވާ ކަމުގައިވެސް ނަޝީދު ވިދާޅުވިއެވެ.
ރާއްޖެއަށް އެންމެ ބޮޑު އާމްދަނީއެއް ލިބެނީ ޓޫރިޒަމް އިންޑަސްޓްރީން. ރިސޯޓުތައް ހުޅުވި އެތަންތަނަށް ގެސްޓުން އާދެވި، މިކަންކަން ހަމައަކަށް އެޅުމަށް އަޅުގަނޑަށް ފެންނަ ފެނުމުގައި ދުވަސްކޮޅެއް ނަގާނެ. އަޅުގަނޑަށް ލަފާކުރެވޭ ގޮތުގައި ރީތިކޮށް ރަނގަޅު ހަމައެއްގައި ޓޫރިޒަމްގެ ވިޔަފާރި އަލުން އަނބުރާ ހިނގާން ފަށާނީ އޮގަސްޓް ސެޕްޓެމްބަރެއްހާ ހިސާބުގައި" ނަޝީދު ވިދާޅުވިއެވެ.
އޮގަސްޓް ނުވަތަ ސެޕްޓެމްބަރު މަހުގެ ތެރޭގައި ރާއްޖޭގެ ފަތުރުވެރިކަން ރަނގަޅަށް ފަށައިގަނެވޭނެ ކަމަށް ނަޝީދު ވިދާޅުވިއިރު ޖުލައި މަހުގެ ތެރޭގައި ރާއްޖެއަށް ފަތުރުވެރިން ގެނައުމުގެ ތައްޔާރީތައް ޓޫރިޒަމް މިނިސްޓްރީން އަންނަނީ ކުރަމުންނެވެ.
ކޮވިޑް 19ގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތް ކުރާ 40،000ވުރެ ގިނަ މީހުންނަށް ވަނީ ސީދާ ގޮތުން އަސަރުކޮށްފައެވެ. އޭގެ ތެރޭގައި 20،000 ވުރެ ގިނަ ދިވެހިންވެސް ހިމެނެއެވެ.