އަލީ ޔާމިން
އަލުން އަނބުރާ ލޮކްޑައުންއަށް ދިއުން އެކަށީގެންވާ ކަމަށާއި އެކަމަށް ތައްޔާރުވާން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ނަޝީދު މިހެން ވިދާޅުވީ ޒޫމް މެދުވެރިކޮށް މިރޭ ބޭއްވި އެމްޑީޕީގެ ޔޫތު ވިންގުގެ ބައްދަލުވުމުގައެވެ.
ނަޝީދު ވިދާޅުވީ، ކޮވިޑް 19ގެ މާދަމާގެ ހާލަތު އެއްވެސް ބަޔަކަށް ތަސައްވަރުކޮށްނުލެވޭނެ ކަމަށާއި އެހެންކަމުން ކޮވިޑުގެ ދެވަނަ ރާޅެއް އަރައި، އަލުން އަނބުރާ ރާއްޖެ ލޮކްޑައުންއަކަށް ދާން ޖެހުމަކީވެސް އެކަށީގެންވާ ކަމެއް ކަމަށެވެ.
"ދެވަނަ ވޭވެއް ދުނިޔެއަށް އަޅުގަނޑުމެންނާ މިކަމާ ކުރިމަތިވެ، އަނެއްކާ އަލުން އަނބުރާ ލޮކްޑައުންގެ ހާލަތަށް ދާން ޖެހުމަކީވެސް އަޅުގަނޑަށް ފެންނަ ފެނުމުގައި އެކަށީގެންވާ ކަމެއް. އެހެންވީމާ އަޅުގަނޑުމެން އެންމެން ތައްޔާރުވާން ޖެހޭ،" ނަޝީދު ވިދާޅުވިއެވެ.
ނަޝީދު މިހެން ވިދާޅުވެފައިވާ އިރު، މާލެއިން ބައްޔަށް މީހަކު ޕޮޒިޓިވްވުމާއެކު މާލޭގައި އިއުލާންކުރި ލޮކްޑައުންއާ އަދި އޭގެ ފަހުން މުޅި ރާއްޖެ އެއްކޮށް ލޮކްޑައުންކުރިކުރުން އަދިވެސް އެއްކޮށް އުވާލާފައެއް ނުވެއެވެ. ނަމަވެސް ހެލްތު ޕްރޮޓެކްޝަން އެޖެންސީ(އެޗްޕީއޭ)އިން ވަނީ މިދިޔަ މަހުގެ 28 ވަނަ ދުވަހުން ފެށިގެން ލޮކްޑައުނަށް ލުއިތަކެއް ދީފައެވެ.
އެޗްޕީއޭއިން ބުނީ ލޮކްޑައުނަށް ލުއިދިނުމުގެ ދެވަނަ މަރުހަލާއަކަށްދާނީ ފުރަތަމަ މަރުހަލާގެ ހާލަތަށް ރިއާޔަތްކުރުމަށް ފަހުގައި ކަމަށެވެ. ފުރަތަމަ މަރުހަލާގައި ބައްޔަށް ގިނަ ބަޔަކު ޕޮޒިޓިވެއްޖެނަމަ އަލުން އަނބުރާ ފުލް ކޮންޑައުނަކަށްދާން ޖެހިދާނެ ކަމަށް ކުރީންވެސް ޑޮކްޓަރުން އޮތީ ލަފާކޮށްފައެވެ.