އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ވަކި އެއްޗެއް އަންގަންދެން މުވައްޒަފުންގެ މުސާރަ ބޮޑުކުރުން މަޑުޖައްސާލުމަށް ކޫއްޑޫ ފިޝަރީޒް މޯލްޑިވްސްއަށް އަންގައިފިއެވެ.
ކޫއްޑޫ ފިޝަރީޒްގެ ރީޖަނަލް މެނޭޖަރު އިބްރާހިމް ޝަހީނަށް އޭސީސީގެ ރައީސް ހަސަން ލުތުފީ ފޮނުވި ސިޓީގައި އެއްވެސް އުސޫލެއް ނެތި މުވައްޒަފުންނަށް ޕްރޮމޯޝަން ދެމުންދާ ކަމުގެ މައްސަލަތަކެއް ހުށަހެޅެމުންދާކަން ފާހަގަކޮށްފައިވެއެވެ.
ރައީސް ޔާމީނުގެ ކެމްޕޭނުގައި ހަރަކާތްތެރިވި ކޫއްޑޫ ފިޝަރީޒްގެ މުވައްޒަފުންނަށް މިދުވަސްވަރު ޕްރޮމޯޝަން ދޭން ނިންމާފައިވާ ކަމަށާއި ޕްރޮމޯޝަން ދެމުންދަނީ އެއްވެސް އުސޫލެއްނެތި މުވައްޒަފުންގެ ދަރަޖަ ވެސް އެތައް ގުނައެއް ކުރިއަށް ޖައްސަމުންދާ ކަމަށް ބުނެ އެ ކޮމިޝަނަށް މައްސަލަތަކެއް ހުށަހަޅަމުންދާތީ އެކަން ބަލަމުންދާކަން އޭސީސީން ވަނީ ކޫއްޑޫ ފިޝަރީޒްއަށް އަންގައިފައެވެ.
މިދިޔަ އާދީއްތަ ދުވަހު ބޭއްވި އިންތިހާބަށް ފަހު ސަރުކާރުގެ މުއައްސަސާތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބައެއް މުވައްޒަފުންގެ މުސާރަ ބޮޑުކޮށް، ޕްރޮމޯޝަންތައް ދެމުންގެންދާ ކަމުގެ ވާހަކަތަކެއް ދަނީ ފެތުރެމުންނެވެ.
އެކަމާ ގުޅޭގޮތުން އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ވިދާޅުވީ، އެމަނިކުފާނުގެ ސަރުކާރު އައިސް ވައުދާ އެއްގޮތަށް މުސާރަތައް ބޮޑުކޮށްދޭނެ ކަމަށާއި މިދުވަސްކޮޅު އެކަން ނުކުރުމަށް އިލްތިމާސްކުރާ ކަމަށެވެ.