އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ކަށަވަރުކުރުމުގެ ހާއްސަ ގާނޫނުގައިވާ ގޮތުގެ މަތިން ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ)ގެ ބޯޑު އަލުން އެކުލަވާލައި އެ ބޯޑަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ހަތް ބޭފުޅަކު އައްޔަން ކުރައްވައިފިއެވެ.
އެލްޖީއޭގެ ބޯޑު އަލުން އެކަލަވައިލެއްވި އިރު އެ ބޯޑުގެ ޗީފް އެގްޒެކެޓިވް އޮފިސަރު، ސީއީއޯގެ މަގާމަށް އައްޔަންކުރައްވާފައި ވަނީ އެމްޑީޕީގެ ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލްގެ މަގާމުގައި ހުންނެވި ފާތުމަތު އަފްޝަން ލަތީފް އެވެ.
ރައީސުލްޖުމްހޫރިއްޔާގެ ތަރުޖަމާން އިބްރާހިމް ހޫދު ވިދާޅުވީ، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުން ކަށަވަރުކުރުމުގެ ހާއްސަ ގާނޫނުގެ ހަތް ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން، އެލްޖީއޭގެ ބޯޑު އަލުން އެކުލަވާލައްވައި، ހަތް މެންބަރަކު އައްޔަން ކުރެއްވީ މިއަދު ކަމަށެވެ.
އެލްޖީއޭގެ ބޯޑަށް އައްޔަންކުރެއްވި މެންބަރުންނަކީ:
1. ހޯމް މިނިސްޓަރު އިިމްރާން އަަބްދުﷲ (ރައީސް)
2. އެޑްވައިޒާ ޓު ދަ ޕްރެޒިޑެންޓް މުހައްމަދު ޝިހާބު
3. ރައީސް އޮފީހުގެ މިނިސްޓަރު އަހުމަދު ސަމީރު
4. ޗީފް އެގްޒެކެޓިވް އޮފިސަރު ފާތިމަތު އަފްޝަން ލަތީފު
5. ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު މާހިރު އީސާ
6. ފިނޭންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ޝަރީފު
7. ޕްލޭނިން މިނިސްޓްރީގެ ނައިބު ފާތިމަތު ނިއުމާ
މި ބޭފުޅުންގެ ތެރެއިން ހޯމް މިނިސްޓަރު އިމްރާނަކީ ރައްޔިތުންގެ މަޖިލީހަށް އެލްޖީއޭއާ ގުޅޭގޮތުން ޖަވާބުދާރީވުމަށް ޓަކައި ރައީސް ކަނޑައަޅުއްވާ މިނިސްޓަރެވެ. އަދި އަފްޝަން އައްޔަން ކުރައްވާފައިވަނީ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ 64 ވަނަ މާއްދާގެ ދަށުންނެވެ.
އެ މާއްދާގައި ބުނެފައިވަނީ އެލްޖީއޭގެ ކަންކަން ދުވަހުން ދުވަހަށް ހިންގާނީ އެ އޮތޯރިޓީގެ ބޯޑުގެ ލަފަޔައި އިރުޝާދާ އެއްގޮތްވާ ގޮތުގެމަތިން ޗީފް އެގްޒެކެޓިވް އޮފިސަރު ކަމަށެވެ. އަދި އެ މަގާމަކީ ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވާ މަގާމެއް ކަމަށް ވެސް ބުނެފައިވެއެވެ.