މުހައްމަދު އައުޒަމް
ލޮކްޑައުންކުރުމުގެ ސަބަބުން ޔޫރަޕްގައި އެތައް މިލިއަން ފުރާނަ ސަލާމަތް ވި ކަމަށް ދިރާސާއަކުން ދައްކައިފިއެވެ.
ލަންޑަންގެ އިމްޕީރިއަލް ކޮލެޖްގެ ޓީމަކުން ހެދި ދިރާސާއަކުން ދައްކާ ގޮތުގައި، ލޮކްޑައުން ނުކުރި ނަމަ ޔޫރަޕުން މަރުވި މީހުންގެ އަދަދު އެތައް ގުނައެއް ގިނަވާނެ އެވެ.
އިމްޕީރިއަލް ކޮލެޖްގެ ޓީމުގެ ދިރާސާއިން ދައްކާގޮތުގައި ވައިރަސް ޖެހިފައިވަނީ ވަރަށް މަދު ބަޔަކަށެވެ. އަދި އަހަރުމެން މިތިބީ މިބަލިމަޑުކަމުގެ އެންމެ ކުރީކޮޅުގައި ކަމަށްވެސް ވަނީ ބުނެފައެވެ.
މި ދިރާސާ ހެދުމަށް އިމްޕީރިއަލް ކޮލެޖްގެ ޓީމުން ވަނީ ޔޫރަޕްގެ 11 ގައުމަކުން މައުލޫމާތު އެއްކޮށް ކޮވިޑްގެ ސަބަބުން އެގައުމުތަކަށް އައިސްފައިވާ ބަދަލުތަކާއި އެގައުމުތަކުގެ ހާލަތު ދިރާސާ ކޮށްފައެެވެ.
އިމްޕީރިއަލް ކޮލެޖްގެ ޓީމުން ދިރާސާކުރި ޔޫރަޕްގެ 11 ގައުމުން ކޮވިޑް ޖެހި 130000 އަށްވުރެން ގިނަ މީހުން މަރުވެފައިވާ ކަމަށް ދިރާސާގައި ފާހަގަކޮށްފައިވެއެވެ.
ދިރާސާއިން ދައްކާފައިވަނީ ލޮކްޑައުން ނުކުރިނަމަ ޔޫރަޕްގެ 3.2 މިލިއަން މީހުން މަރުވާނެ ކަމަށެވެ. އެޓީމުން ވަނީ ލޮކްޑައުން ކުރުމުގެ ސަބަބުން ޔޫރަޕުން 3.1 މިލިއަން މީހުން ސަލާމަތް ވެފައިވާކަމަށް ބުނެފައެވެ.