ދުނިޔެ

ޖޯޖް ފްލޮއިޑް މަރާލި މީހާ ކަފާލާތުގެ ދަށުން ދޫކުރެވޭނީ 1.25 މިލިއަން ޑޮލަރު ދެއްކުމުން ކަމަށް ކޯޓުން ނިންމައިފި

މުހައްމަދު އައުޒަމް

ޖޯޖް ފްލޮއިޑް މަރާލި ކަމުގެ ދައުވާ އުފުލާފައިވާ ފުލުސް މީހާ ދޫކޮށްލެވޭނީ ކަފާލާތުގެ ގޮތުގައި 1.25 މިލިއަން ޑޮލަރު ދެއްކުމުން ކަމަށް ކޯޓުން ނިންމައިފިއެވެ.

އެމެރިކާގައި ދާދިފަހުން އަނިޔާވެރިކޮށް މަރާލި ޖޯޖް ފްލޮއިޑްގެ ގާތިލުންގެ ޝަރީއަތް ފަށާފައިވާއިރު ޖޯޖް ފްލޮއިޑް މަރާލުމުގައި އޭނާގެ ކަރުގައި ކަކޫ ވިއްދައިގެން ހުރި ޑެރެކް ޗައުވިން އަށް ވަނީ މީހަކު މެރިކަމުގެ ދައުވާ އުފުލައިފައެވެ.

ޑެރެކް ޗައުވިންގެ ޝަރީއަތުގެ އަޑުއެހުން ކުރިޔަށް ގެންގޮސްފައިވަނީ ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށެވެ. ޗައުވިންގެ ކަފާލާތުގެ އަގުގެ ގޮތުގައި ކޯޓުން ވަނީ 1.25 މިލިއަން ޑޮލަރު ދެއްކުމުން އެއްވެސް ޝަރުތުތަކެއް ނެތި ދޫކޮށްލުމަށް ނިންމައިފައެވެ. އަދި ކަފާލާތަށް 1 މިލިއަން ދައްކައިގެން ޝަރުތު ތަކާއެކު ދޫކުރެވޭ ގޮތަށްވެސް ކޯޓުން ވަނީ ނިންމައިފައެވެ.

ކަފާލާތަށް ދޫކުރާ އަގު ހެޔޮ ޝަރުތާ އެކު، ޑެރެކް ޗައުވިން އަށް ކޯޓުން ކޮށްފައިވާ ޝަރުތުތަކުގެ ތެރޭގައި ގާނޫނު ތަންފީޒުކުރާ އެއްވެސް އިދާރާއެއްގައި އޭނާއަށް މަސައްކަތް ނުކުރެވޭނެ ކަމަށާއި ޖޯޖް ފްލޮއިޑްގެ އާއިލާގެ އެއްވެސް މީހަކާ އެއްވެސް ބާވަތެއްގެ ގުޅުމެއް ބާއްވައިގެން ނުވާނެ ކަމަށާއި އަދި ޑެރެކް ޗައުވިން އަތުގައި ހުރި ހުރިހާ ލައިސަންސްތައް ބާތިލް ކުރުން ހިމެނެ އެވެ.

ޑެރެކް ޗައުވިން ވަނީ ކޯޓު އަޑުއެހުމުގައި އެއްވެސް ވާހަކައެއް ނުދައްކައި ހަނުހުރެފައެވެ. ކަފާލާތުގެ ދަށުން ދޫކޮށްލުމުން އޭނާ ހާޒިރުވާން ޖެހޭނީ ހަމައެކަނި ޝަރީއަތުގެ މަޖިލިސްތަކަށެވެ.