މެންބަރު އާދަމް ޝަރީފް އުމަރު

މަޖިލީހަކީ ޖަންގަލީގައި ސިންގާ ވެރިކަންކުރާހެން ހިންގަން ހުރި ތަނެއް ނޫން: މެންބަރު އާދަމް ޝަރީފް

އައިދާ އަބްދުލް ހަކީމް

1

މަޖިލީހަކީ ޖަންގަލީގައި ސިންގާ ވެރިކަންކުރާހެން ހިންގަން ހުރި ތަނެއް ނޫން ކަމަށް އިދިކޮޅު ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

އާދަމް ޝަރީފް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް މި ދެދުވަހު ހާޒިރުވެފައި ނުވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަޖިލީހުގެ ގަވާއިދާ ހިލާފުވެ، މާރާމާރީ ހިންގަވާފައިވާތީ އެކަމަށް އިހުތިޖާޖު ކުރުމުގެ ގޮތުން ކަމަށެވެ. އަދި މަޖިލީހުގައި ހިންގި މާރާމާރީއާ ގުޅިގެން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މައާފަށް އެދިވަޑައިގަންނަވަން ޖެހިވަޑައިގަންނަވާ ކަމަށްވެސް އާދަމް ޝަރީފް ވިދާޅުވި އެވެ.

"މިދެދުވަހުވެސް ބޮއިކޮޓް މިކުރީ މަޖިލީހުގެ ރައީސް ގަވައިދާ ހިލާފުވެ، މާރާ މާރީ ހިންގާފައިވާތީވެ، އިހުތިޖާޖު ކުރުމުގެ ގޮތުން. މަޖިލިސް ރައީސް މާފަށް އެދެން ޖެހޭ. މަޖިލީހަކީ ޖަންގަލީގައި، ސިންގާ ވެރިކަން ކުރާހެން ހިންގަން ހުރި ތަނެއް ނޫން" އާދަމް ޝަރީފް ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގައި ދާދި ފަހުން ހިނގައިދިޔަ ހަމަނުޖެހުމުގައި ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމަށް އަނިޔާތަކެއް ވެފައިވާ ކަމަށް އިދިކޮޅު ކޯލިޝަން އިން ވަނީ ބުނެފައެވެ. އަދި އެމައްސަލަ ފުލުހުންނަށް ހުށަހަޅައި އެމައްސަލައިގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް އާއި މަޖިލީހުގެ ބައެއް މެންބަރުންނަށް ދައުވާ ކޮށްދިނުމަށް އެދި ޕީޖީ ޝަމީމަށް ވެސް އެކޯލިޝަނުން ވަނީ ސިޓީއެއް ފޮނޮވައިފައެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟