މުހައްމަދު އައުޒަމް
ގަތަރުގެ މިސްކިތްތައް މިމަހު 15 ގައި ހުޅުވާލުމަށް އެގައުމުން ނިންމައިފިއެެވެ.
ގަތަރު ސަރުކާރުގެ ތަރުޖަމާނު ވިދާޅުވީ ކޮވިޑް 19 އާއި ގުޅިގެން އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ލުއިދޭން ނިންމާފައި ވަނީ ފަސް ފޭހަކަށް ބަހާލައިގެން ކަމަށެވެ.
އެގޮތުން ފުރަތަމަ ފޭހުގައި އެ ގައުމުގެ މިސްކިތްތަކާއި ކުދި ފިހާރަތައް ހުޅުވުމުގެ ހުއްދަ ދިނުމަށް ވަނީ ނިންމައިފައެވެ. ބައެއް ޕާކުތަކާއި ކަސްރަތު ކުރާ ތަންތަން 12 އަހަރުން ދަށުގެ ކުދީންނަށް ހުޅުވާލުމަށްވެސް ވަނީ ނިންމައިފައެވެ.
ތަރުޖަމާނުވަނީ އެގައުމުން ލުއިދިނުމުގެ ދެވަނަ ފޭސް ފެށުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ އެއްވަނަ ދުވަހުން ފެށިގެން ކަމަށް ވިދާޅުވެފައެވެ. ދެވަނަ ފޭހުގައި ރެސްޓޯރެންޓްތަކާއި ބައެއް މޯލްތައް ވަކި ހާއްސަ ގަޑިތަކެއްގައި ހުޅުވުމުގެ ހުއްދަ ދޭނެއެވެ. އަދި މިއުޒިއަމްތަކާއި ލައިބްރަރީތައްވެސް އެގަވާއިދުގެ ދަށުން ހުޅުވަންވަނީ ނިންމައިފައެވެ.
ގަތަރުން އެކުލަވައިލި ޕްލޭންގެ ތެރެއިން ތިން ވަނަ ފޭހުގައި، އެހެން ގައުމުތަކުން މީހުން އެތެރެވުމަށް ހުޅުވާލާނެއެވެ. އަދި އެގައުމުގެ ހުރިހާ މޯލްތަކާއި ޖިމްތަކާއި ސެލޫން ފަދަ ތަންތަންވެސް ހާއްސަ ގަވާއިދެއްގެ ދަށުން ހުޅުވައިލާނެއެވެ.
ހަތަރުވަނަ ފޭހުގައި ކައިވެނި ހަފްލާތަކާއި ބައްދަލުވުންތައް ބޭއްވުމުގެ ހުއްދަ ދިނުމަށް ވަނީ ނިންމައިފައެވެ. އެގޮތުން އެ ފޭހުގައި މީހުން އެއްވެގެން ބާއްވާ އިވެންޓުތައް ބޭއްވޭނެކަމަށް ތަރުޖަމާނު ވަނީ ބުނެފައެވެ.
ގަތަރުން އަޅާފައިވާ ފިޔަވަޅުތަކަށް މި މަހު 15 އިން ފެށިގެން ލުއި ދޭން ނިންމާފައިވާއިރު އެގައުމުގައި 70 ހާހަށްވުރެ ގިނަ މީހުން ކޮވިޑަށް ޕޮޒިޓިވެ ވެފައި ވެއެވެ. އަދި 57 މީހަކު މަރުވެފައި ވެއެވެ.