އޭޑީކޭ އިން ޕޮޒިޓިވްވި 11 މީހުންގެ ތެރެއިން 10 މީހަކު ބަލިން ރަނގަޅުވެ ދޫކޮށްލާފައިވާ ކަމަށް އޭޑީކޭ ހޮސްޕިޓަލުގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އަފްއާލު ވިދާޅުވެއްޖެއެވެ.
އޭޑީކޭ ހޮސްޕިޓަލުން ޕޮޒިޓިވްވީ 11 މުވައްޒަފުންނަކީ ވެސް އެ ހޮސްޕިޓަލުގައި ހެލްޕާސްގެ ގޮތުގައި އެކި ޑިޕާޓްމަންޓުގައި މަސައްކަތް ކުރަމުން އަންނަ ބިދޭސީންނެވެ. އަފްއާލު މީގެ ކުރިން ވިދާޅުވި ގޮތުގައި، އެމީހުން ޕޮޒިޓިވްވީ މިދިޔަ މެއި މަހުގެ އަށް ވަނަ ދުވަހުއެވެ. އަދި އެއާއެކު ހުޅުމާލޭގައި ހުންނަ އެމީހުން ދިރިއުޅެމުން އަންނަ އެކޮމޮޑޭޝަން ބްލޮކު ވެސް ވަނީ މޮނީޓަރިންގެ ހާލަތަށް ގެނެސްފައިވާ ކަމަށް ވެސް ވިދާޅުވިއެވެ.
ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަފްއާލު ވިދާޅުވީ، ކޮވިޑަށް ޕޮޒިޓިވްވި އެ ހޮސްޕިޓަލުގެ 11 މުވައްޒަފުންގެ ތެރެއިން 10 މީހަކު ރަނގަޅުވެގެން ދޫކޮށްލާފައިވާ ކަމަށާއި އަދި މާދަމާގެ ހިސާބުގައި ދެން ހުރި މީހާ ވެސް ހިދުމަތާ ގުޅޭނެ ކަމަށެވެ.
އޭނާ ވިދާޅުވީ، އެމީހުން ތިބޭ އެކޮމަޑޭޝަން ބުލޮކް އަދިވެސް ހުރީ މޮނީޓަރިންގެ ހާލަތުގައި ކަމަށާއި އެމުއްދަތު ވެސް މިއަދަށް ހަމަވާނެ ކަމަށެވެ. އެހެންކަމުން އުންމީދަކީ އެތަން މޮނީޓަރިންގެ ހާލަތުން ނަގައި، ޕޮޒިޓިވްވި މުވައްޒަފުންނާއި އެމީހުންނާއެކު ދިރިއުޅުނު އަންނަ އެންމެން ވެސް މި ހަފްތާގެ ތެރޭގައި ވަޒީފާއަށް އަނބުރާ ނުކުތުން ކަމަށް ވިދާޅުވިއެވެ.