ކުއްލި ޚަބަރު

އޭޑީކޭ އިން ކޮވިޑް ޓެސްޓެއް ހަދައިދޭ އަގަކީ ވަރަށް ކުޑަ އަގެއް: އަފްއާލު

1

އޭޑީކޭ އިން ކޮވިޑް ޓެސްޓެއް ހަދައިދޭ އަގަކީ ވަރަށް ކުޑަ އަގެއް ކަމަށް އޭޑީކޭ ހޮސްޕިޓަލުގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އަފްއާލު ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ އެންމެ ބޮޑު ޕްރައިވެޓް ހޮސްޕިޓަލް، އޭޑީކޭ ހޮސްޕިޓަލުގައި ކޮވިޑަށް ޓެސްޓުކުރެވޭ ޕީސީއާރު މެޝިނެއް އިންސްޓޯލުކުރުމުގެ މަސައްކަތް ފެށީ މިދިޔަ މަހުގެ 13 ވަނަ ދުވަހުއެވެ. އެއީ ދުވާލެއްގެ މައްޗަށް ކޮވިޑުގެ 500 އަށްވުރެ ގިނަ ޓެސްޓު ހެދޭ މެޝިނެކެވެ.

ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ)ގެ ތަރުޖަމާން މުހައްމަދު މަބްރޫކު އަޒީޒު މީގެ ކުރިން ވިދާޅުވި ގޮތުގައި އޭޑީކޭ ހޮސްޕިޓަލުން ކޮވިޑް ޓެސްޓެއް ހަދައިދެނީ 675 ރުފިޔާ އަށެވެ. އެފައިސާ ދައްކާނީ އައިޖީއެމްއެޗް މެދުވެރިކޮށެވެ.

ނަމަވެސް އެއީ ބޮޑު އަގެއް ކަމަށް ބުނެ ބައެއް އާންމުންވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

އެކަމާ ގުޅިގެން އެންއީއޯސީގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަފްއާލު ވިދާޅުވީ، ޕީސީއާރު މެޝިނެއް ގެނެސް ބެހެއްޓުމަކުން ކޮވިޑް ޓެސްޓެއް ނެހެދޭ ކަމަށާއި މެޝިނަކާއެކު ލެބެއްގެ ތެރޭގައި އިތުރު ލެބެއް ގާއިމްކުރަން ޖެހުނު ކަމަށެވެ. އަދި އެއާއެކު ވަރަށް ގިނަ މަރުހަލާތަކެއް ވެސް ފުރިހަމަ ކުރަންޖެހޭ ކަމަށެވެ.

އެހެންކަމުން އޭޑީކޭ ހޮސްޕިޓަލުން ކޮވިޑް ޓެސްޓަކަށް ނަގަމުން އަންނަނީ ކޮވިޑް ޓެސްޓެއްގެ ޔުނިޓް ކޯސްޓެއް ހަދައިފިނަމަ ޓެކްސްއާއެކު ނަގާނެ އެންމެ ކުޑަ އަގު ކަމަށް އޭނާ ވިދާޅުވިއެވެ.

"މިއިން ޓެސްޓެއް ހަދާއިރު މަދުވެގެން ތިން މުވައްޒަފުން ބޭނުންވޭ. ކޮންމެ މުވައްޒަފަކު ފުލް ޕީޕީއީ. ޕީޕީއީ ކިޓެއްގެ އަގު ވަރަށް ގިނަ ރޭރޭ މަބްރޫކު ވިދާޅުވޭ 1000 ރުފިޔާވަރު ޖެހޭ ކަމަށް. އެހެންކަމަށްވާނަމަ އަގަކަށް ވިސްނާލާއިރުގައި ދެން ހުރި ހުރިހާ އެއްޗެއް. އެކްސްޓްރެކްޝަނަށް ބޭނުންކުރާ އެއްޗެހި، ރީއެޖެންޓްސް، ޕްލާސްޓިކް ވެއާ، ޓެސްޓުކިޓު މިހެން ގޮސް މިހުރިހާ އެއްޗެއް އެއްވެގެން ޔުނިޓް ކޮސްޓެއް ހަދައިފިކަމަށްވައްޔާމުން އަޅުގަނޑުމެން މިދޭ އަގަކީ އަސްލު ޔުނިޓް ކޮސްޓަށްވުރެ މާ ކުޑަ އަގެއް،" އަފްއާލު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، މިއަގުގައި އޭޑީކޭ ހޮސްޕިޓަލުން ކޮވިޑް ޓެސްޓެއް ހަދައިދިނުމުގެ ބޭނުމަކީ ކޮވިޑާ ގުޅިގެން ދިމާވެފައިވާ ހާލަތުގައި ދައުލަތުން ކަނޑައަޅާފައިވާ ނިޒާމުގެ ތެރެއިން ސަރުކާރާ ގުޅިގެން އެންމެ ރަނގަޅު ހިދުމަތެއް ދިނުން ކަމަށެވެ.

ރާއްޖޭގައި މިވަގުތު ކޮވިޑް ޓެސްޓު ހެދެނީ އޭޑީކޭގެ އިތުރުން ސަރުކާރުގެ މައި ހޮސްޕިޓަލް، އައިޖީއެމްއެޗް އަދި ފުލުހުންގެ ފޮރެންސިކް ލެބުންނެވެ. އައިޖީއެމްއެޗަށް ޓެސްޓު ހެދުމަށް ބޭނުންވާ ތަކެތި ފޯރުކޮށްދިނުމުން، އިތުރު އެއްވެސް ފައިސާއެއް ނުނަގައެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟