ކޮވިޑް 19އާ ގުޅިގެން އޭޑީކޭގެ އެއްވެސް މުވައްޒަފަކު ވަޒީފާއިން ވަކިކޮށް، މުސާރަ ކުޑަކޮށްފައެއް ނުވާނެ އޭޑީކޭ ހޮސްޕިޓަލުގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އަފްއާލު ވިދާޅުވެއްޖެއެވެ.
ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަފްއާލު ވިދާޅުވީ، ކޮވިޑާ ގުޅިގެން ވަޒީފާތައް ގެއްލެމުންދާއިރު އޭޑީކޭގެ އެއްވެސް މުވައްޒަފަކު ވަޒީފާއިން ވަކިކޮށްފައިނުވުމަކީ ފަހުރުވެރިވެރިކަމާއެކު ފާހަގަކޮށްލެވޭ ކަމެއް ކަމަށެވެ.
"(ކޮވިޑް-19)ގެ މި ބޮޑު ގޮންޖެހުންތަކާއެކު 800 އެއްހާ މުވައްޒަފުން މުސާރަ ދީގެން ގައުމުގައި ސިއްހީ ހިދުމަތް ދިނުމަށްޓަކާ އެންމެ މީހަކު ވެސް ވަޒީފާއިން ދޫވެގެން ދިޔަ ނުދީ މަސައްކަތުގައި ހިފަހައްޓާފަ އަދި އެމީހުންނަށް ހަމަ މުސާރަ ދީފަ ވާނީ މާލީ ގެއްލުންތަކެއް ނުވަތަ ބާލީ ޑެޓް ބޮލުގަ އަޅައިގެން،" އަފްއާލު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، ކޮވިޑާ ގުޅިގެން އޭޑީކޭ ހޮސްޕިޓަލުން ފަންނީ ލަފަޔަކަށް އެދިއްޖެނަމަ އެ ހިދުމަތްތައް ފޯރުކޮށްދީފައިވާނެ ކަމަށެވެ. އަދި މާލެ އާއި އަތޮޅުތެރޭގެ ސިއްހީ ހިދުމަތްތެރިން ތަމްރީންކުރުމުގައި ވެސް އޭޑީކޭގެ ތަޖުރިބާކާރު ޑޮކްޓަރުން އެހީވެދިންކަން ފާހަގަކުރެއްވިއެވެ.
އޭގެ އިތުރުން އެންއީއޯސީގެ ތެރެއިން ކަރަންޓީން ފެސިލިޓީތަކުގެ ސެލްތައް ބަލަހައްޓައިދިނުމަގައާއި ސާމްޕަލް ނަގާ ޓީމުތަކާއި އެޗްޕީއޭގެ ހޮޓްލައިން ޑިޕާޓްމަންޓުގައި ވެސް އޭޑީކޭގެ މުވައްޒަފުން ހަރަކާތްތެރިވަމުން އަންނައިރު ކޮވިޑުގެ ހާލަތުގައި އެ ހޮސްޕިޓަލުގެ ބައެއް މުވައްޒަފުން އައިޖީއެމްއެޗްގައި ޑިއުޓީ ވެސް އަދާކޮށްދީފައިވާނެ ކަމަށް އަފްއާލު ވިދާޅުވިއެވެ.