ކުއްލި ޚަބަރު

"ހަ ކުލިނިކަކުން ޓެސްޓު ހެދުމުގެ ހުއްދައަށް އެދުނު، ގިނަ ކުލިނިކުތަކުން އެދުނީ އެންޓިބޮޑީ ޓެސްޓު ހަދަން"

ހަ ކުލިނިކަކުން ކޮވިޑް 19އާ ގުޅޭ އެކި ކަހަލަ ޓެސްޓުތައް ހެދުމުގެ ހުއްދައަށް އެދުނު ކަމަށާއި ގިނަ ކުލިނިކުތަކުން އެދުނީ އެންޓިބޮޑީ ޓެސްޓު ހެދުމަށް ކަމަށް ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެންއީއޯސީ)ގެ ތަރުޖަމާނު މުހައްމަދު މަބްރޫކު އަބްދުލް އަޒީޒު ވިދާޅުވެއްޖެއެވެ.

އެންއީއޯސީގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކު ވިދާޅުވީ މާލޭގައި ހުންނަ މެޑްލެބް ފިޔަވައި އެހެން ހުރިހާ ކުލިނިކަކުން ވެސް އެދިފައިވަނީ އެންޓިބޮޑީ ޓެސްޓިން ހެދުމުގެ ހުއްދައަަށް ކަމަށެވެ.

"މިހާތަނަށް އައި އިރުގައި ޕްރޯކެއާ، މަހަބަދޫން ކުއަންޓަޓޭޓިވް ޓެސްޓިންއަށް އެބައޮތް ރިކުއެސްޓްކޮށްފައި. އެންޓިބޮޑީ ޓެސްޓިންއަށް. މެޑްލެބް، މާލެ ރިކުއެސްޓްކޮށްފައި އޮތީ އެންޓިބޮޑީ ޓެސްޓިން އަދި ޕީސީއާރު ޓެސްޓު ހެދޭ އިންތިޒާމުތައް ރާވައި އެކަމަށް ހުއްދަ ދިނުމަށް. އެއިމްސް އައްޑޫ، ފަސްޓްކެއާ މާލެ، މަހަލްދީބް ފުވައްމުލައް އަދި އައިއެމްޑީސީ އައްޑޫ، މިތަންތަނުން މިވަނީ އެކި ކަހަލަ ޓެސްޓުތައް ހެދުމަށް ހެލްތު މިނިސްޓްރީއަށް ލިޔުން ފޮނުވާފައި. މީގެ ތެރެއިން ޕީސީއާރު ޓެސްޓު ހެދުމަށް އެދުނީ މެޑްލެބުން. އެހެން ހުރިހާ ތަނަކީ ވެސް އެކި އެހެން ކަހަލަ ޓެސްޓުތައް ހެދުމަށް ހުއްދައަށް އެދިފައިމިވަނީ. މިކަމުގައި މިބޭފުޅުން ރާއްވަވާފައިވާ އިންތިޒާމުތަކުގެ ތަފުސީލު ފޮނުވުމަށް އެންގިފައިވާނެ،" އޭނާ ވިދާޅުވިއެވެ.

މަބްރޫކު ވިދާޅުވީ ހެލްތު މިނިސްޓްރީން ނިންމާފައިވަނީ ކޮވިޑުގެ ޓެސްޓުތައް ހެދުމަށް ފުރަތަމަ ސަރުކާރުގެ ސިއްހީ ހިދުމަތްދޭ ތަންތަން ބޭނުންކުރުމަށް ކަމަށާއި އަދި އިތުރު އެހީއެއް ބޭނުންވެއްޖެ ނަމަ ނުވަތަ ނުކަތާ އަދަދަކަށް ޓެސްޓު ހަދަން ޖެހިއްޖެ ނަމަ ދެން ހުރި ތަންތަން ވެސް ބޭނުންކުރާނެ ކަމަށެވެ.

ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ނަޒްލާ މުސްތަފާ ވިދާޅުވީ، ބަލި ދެނެގަތުމަށް އެންޓިބޮޑީ ޓެސްޓަކީ ހެދުން އެހާ ރަނގަޅު ޓެސްޓެއް ނޫން ކަމަށެވެ. އެއީ އެންޓިބޮޑީ ޓެސްޓުން ބަލި ޖެހުނުކަންވެސް ދައްކާނީ 9 ދުވަހާއި 11 ދުވަހާ ދެމެދުގެ މުއްދަތެއްގައި ކަމަށްވުމުން ކަމަށާއި އެންޓިބޮޑީ ޓެސްޓުން އެހެނިހެން ބައެއް ވައިރަސްތަކާ ކޮންޓާމިނޭޓްވުން އެކަށީގެންވާ ކަމަށްވެސް ވިދާޅުވިއެވެ.