މިހާތަނަށް 488 މީހަކަށް އިންކަމް ސަޕޯޓް އެލަވަންސް ދީފައިވާ ކަމަށް ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެންއީއޯސީ)ގެ ތަރުޖަމާނު މުހައްމަދު މަބްރޫކު އަބްދުލް އަޒީޒު ވިދާޅުވެއްޖެއެވެ.
އެންއީއޯސީގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކު ވިދާޅުވީ އިންކަމް ސަޕޯޓު އެލަވަންސްގެ ގޮތުގައި މިހާތަނަށް 1.9 މިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށެވެ.
"އިންކަމް ސަޕޯޓް އެލަވަންސްގެ ގޮތުގައި ޖުމުލަ 488 ބޭފުޅަކަށް ފައިސާ ދެވިފައިވާ ކަމަށް. އޭގެ ޖުމުލަ އަދަދަކީ 1،967،000 (އެއް މިލިއަން ނުވަ ސަތޭކަ ފަސްދޮޅަސް ހަތް ހާސް) ރުފިޔާ." އޭނާ ވިދާޅުވިއެވެ.
އިންކަމް ސަޕޯޓް އެލަވަންސަކީ ކޮވިޑް 19އާ ގުޅިގެން އާމްދަނީއަށް ނުރަނގަޅު އަސަރުކޮށްފައިވާ މީހުނަށް ސަރުކާރުންދޭ އެލަވަންސެކެވެ. އެ އެލަވަންސް ދިނުމަށް ނިންމާފައިވަނީ އޭޕްރީލް، މެއި އަދި ޖޫން މަހަށެވެ.
"އިންކަމް ސަޕޯޓް އެލަވަންސް" އުސޫލުގައި ބުނެފައިވާ ގޮތުގައި މި އެލަވަންސް ލިބޭ މީހުންގެ ތެރޭގައި ހިމެނޭނީ ކޮވިޑް 19 ގެ ސަބަބުން ވަޒީފާއިން ވަކި ކުރާ މީހުންނާއި މުސާރައިގެ ބައެއް އުނިކޮށްފައިވާ މީހުންނާއި ނޯ ޕޭ އަށް ފޮނުވާފައިވާ މީހުންގެ އިތުރުން އަމިއްލަ މަސައްކަތް ކޮށްގެން އާމްދަނީ ހޯދާ މީހުން (ފްރީލާންސަރުން)ނެވެ. މި އުސޫލުގެ ދަށުން އިންކަމް ސަޕޯޓް އެލަވެންސް ލިބޭނީ ރާއްޖޭގައި މަސައްކަތްކުރާ ދިވެހިންނަށް އެކަންޏެވެ.
މި އުސޫލުގައި ބުނެފައިވާގޮތުގައި ވަޒީފާ އިން ވަކިކޮށްފައިވާ މީހުން ނުވަތަ ސަސްޕެންޑްކޮށްފައިވާ މީހުންނާއި ނޯޕޭގައި ތިބި މީހުންނަށް 5،000ރ. އެލަވެންސެއް ލިބޭނެއެވެ. އަދި މުސާރަ އިން އުނިކޮށްފައިވާ މީހުންގެ ތެރެއިން 5،000ރ. އަށްވުރެ ކުޑަ މުސާރައެއް ލިބޭ މީހުންނަށް 5،000ރ. އިން މިހާރު ލިބޭ އަދަދެއް އުނިކުރުމުން ޖެހޭ އަދަދު ލިބޭނެއެވެ.
މީގެ އިތުރުން ފްރީލާންސަރުންގެ ތެރެއިން 5،000ރ. ގެ އެލަވެންސެއް ލިބޭނީ އެއްވެސް އާމްދަނީއެއް ނުލިބޭ މީހުންނަށެވެ. ލިބޭ އާމްދަނީ ދަށްވެފައިވާ މީހުންނަށް 5،000ރ. އިން މިހާރު ލިބޭ އަދަދެއް އުނިކުރުމުން ޖެހޭ އަދަދު ލިބޭނެއެވެ. ފްރީލާންސަރުންގެ ތެރެއިން ވަޒީފާއެއް އަދާ ކުރަމުން އަމިއްލަ މަސައްކަތް ކުރާ މީހުން މީގެ ތެރޭގައި ނުހިމެނޭނެއެވެ.
އެހީއަށް އެދި ހުށަހަޅަން ޖެހޭނީ ޖޮބް ސެންޓަރު މެދުވެރިކޮށް އޮންލައިންކޮށް ނުވަތަ އީމެއިލްގެ ޒަރީއާއިންނެވެ. އެހީ ލިބޭ މުއްދަތުގައި އާމްދަނީގެ ހާލަތު ބަދަލުވެއްޖެ ނަމަ އެކަން އިކޮނޮމިކް މިނިސްޓްރީއަށް އަންގަން ޖެހޭނެއެވެ. މި އެހީއަށް އެދި ހުށަހަޅާއިރު ދޮގު މައުލޫމާތު ދޭ މީހުންނަށް ދައުވާ ކުރުމުގެ ބާރު ވެސް މިނިސްޓްރީއަށް ލިބިގެންވާ ކަމަށް އެ އުސޫލުގައި ބުނެއެވެ.
"އިންކަމް ސަޕޯޓް އެލަވެންސް" ތިން މަސްދުވަހަށް ދޭން ނިންމާފައިވީ ނަމަވެސް ހާލަތަށް ރިއާޔަތްކޮށް މި އެހީގެ މުއްދަތު އިތުރު ކުރާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.