ކުއްލި ޚަބަރު

އިތުރު 98 މީހުން ރަނގަޅުވެ ރާއްޖޭގައި ކޮވިޑުން ފަސޭހަވީ މީހުންގެ ޖުމުލަ 925 އަށް

ރާއްޖޭގައި ކޮވިޑް 19އަށް ހޯދަމުންދިޔަ އިތުރު 98 މީހަކު ބަލިން ރަނގަޅުވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ ކޮވިޑަށް ފަރުވާ ހޯދަމުންދިޔަ ޖުމުލަ 925 މީހަކު ބަލިން ރަނގަޅުވެފައިވާ ކަމަށެވެ.

މިދިޔަ 24 ގަޑިއިރުގެ ތެރޭގައި (އިއްޔެ ހަވީރު 6:00 އިން މިއަދު ހަވީރު 6:00 އަށް) ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވެފައިވަނީ 13 މީހެކެވެ. އެއީ ހަތް ދިވެއްސަކާއި ބަންގުލަދޭޝްގެ ފަސް މީހަކާއި އިންޑޮނޭޝިއާގެ މީހެކެވެ. އެއާއެކު ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވީ މީހުންގެ އަދަދު މިވަނީ 1916 އަށް އަރައިފައެވެ.

ފާއިތުވެދިޔަ ހަ ދުވަހު ވެސް ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދު މަދެވެ. މިދިޔަ އަންގާރަ ދުވަހު 12 މީހަކު ޕޮޒިޓިވްވެފައިވާ އިރު، މިދިޔަ ބުދަ ދުވަހު ޕޮޒިޓިވްވެފައިވަނީ ނުވަ މީހެކެވެ. ބުރާސްފަތި ދުވަހު 22 ކޭސްއެއް އަދި ހުކުރު ދުވަހު ޕޮޒިޓިވްވެފައިވަނީ 11 މީހެކެވެ. ހޮނިހިރު ދުވަހު 18 މީހެކު ޕޮޒިޓިވްވެފައިވާ އިރު، އިއްޔެ ޕޮޒިޓިވްވެފައިވަނީ ދެ މީހެކެވެ.

ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން އަށް މީހަކު ވަނީ މަރުވެފައެވެ. އެއީ އުމުރުން ދުވަސްވީ ހަތަރު ދިވެއްސަކާއި ބަންގުލަދޭޝްގެ ހަތަރު މީހެކެވެ.