އިތުރު 13 މީހުން ކޮވިޑް 19އަށް ޕޮޒިޓިވްވެ ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދު 1916 އަށް އަރައިފިއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ މިދިޔަ 24 ގަޑިއިރުގެ ތެރޭގައި (އިއްޔެ ހަވީރު 6:00 އިން މިއަދު ހަވީރު 6:00 އަށް) ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ ހަތް ދިވެއްސަކާއި ބަންގުލަދޭޝްގެ ފަސް މީހަކާއި އިންޑޮނޭޝިއާގެ މީހެއް ކަމަށެވެ.
ފާއިތުވެދިޔަ ހަ ދުވަހު ވެސް ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދު މަދެވެ. މިދިޔަ އަންގާރަ ދުވަހު 12 މީހަކު ޕޮޒިޓިވްވެފައިވާ އިރު، މިދިޔަ ބުދަ ދުވަހު ޕޮޒިޓިވްވެފައިވަނީ ނުވަ މީހެކެވެ. ބުރާސްފަތި ދުވަހު 22 ކޭސްއެއް އަދި ހުކުރު ދުވަހު ޕޮޒިޓިވްވެފައިވަނީ 11 މީހެކެވެ. ހޮނިހިރު ދުވަހު 18 މީހެކު ޕޮޒިޓިވްވެފައިވާ އިރު، އިއްޔެ ޕޮޒިޓިވްވެފައިވަނީ ދެ މީހެކެވެ.
އޭގެ އިތުރުން މިއަދު ވަނީ ޕޮޒިޓިވްވި އިތުރު 98 މީހަކު ރަނގަޅުވެފައެވެ. އެހެންކަމުން މިހާރު ބަލިން ފަސޭހަވީ މީހުންގެ ޖުމުލަ ވަނީ 925 އަށް އަރައިފައެވެ.
ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން އަށް މީހަކު ވަނީ މަރުވެފައެވެ. އެއީ އުމުރުން ދުވަސްވީ ހަތަރު ދިވެއްސަކާއި ބަންގުލަދޭޝްގެ ހަތަރު މީހެކެވެ.