ބަލިޖެހުނު ފަހުމީހާ ރަނގަޅުވެ ނިއުޒިލެންޑުން ލޮކްޑައުން އުވާލަން ނިންމައިފިއެވެ.
ފަސް މިލިއަން މީހުންގެ އާބާދީއެއް އޮންނަ ނިއުޒިލެންޑުން މިދިޔަ ފެބްރުއަރީ މަހުގެ ފަހުކޮޅުން ފެށިގެން ކޮވިޑާ ދެކޮޅަށް ހަނގުރާމަކޮށް ކާމިޔާބު ހޯދައި މާދަމާ އެގައުމު އާންމު ހާލަތަކަށް ގެންނާނެ ކަމަށް ބޮޑުވަޒީރު ވަނީ ވިދާޅުވެފަ އެވެ.
ނިއުޒިލެންޑުން ވަނީ އެގައުމުން ކޮވިޑްގެ ކޭސްއެއް ނުފެންނަތާ 17 ދުވަސް ވެފައިވާކަން އިއުލާންކޮށްފައެވެ. އަދި އެންމެ ފަހު ބަލިމީހާވެސް ވަނީ ބަލިން ރަނގަޅު ވެފައެވެ.
ނިއުޒިލެންޑުގެ ބޮޑުވަޒީރު ޖެސިންޑާ އާޑެން ވިދާޅުވީ، ކޮވިޑާ ގުޅިގެން އަޅާފައިވާ ފިޔަވަޅުތައް، އެގައުމުގެ އިގްތިސާދު އަނބުރާ ކޮޅަށް ޖެހުމަށް ޓަކައި މާދަމާއިން ފެށިގެން އުވާލަން ނިންމާފައިވާ ކަމަށެވެ. ނިއުޒިލެންޑުން ލޮކްޑައުން އުވާލައި ގައުމު އާންމު ހާލަތަކަށް ގެނައި ނަމަވެސް އެގައުމުގެ ބޯޑަރު އަދި ނުހުޅުވާނެ ކަމަށް ބޮޑުވަޒީރު ވިދާޅުވިއެވެ.
ނިއުޒިލެންޑުގެ ބޮޑުވަޒީރު ވަނީ ހުރިހާ ފިޔަވަޅުތަކެއް އުވާލައި ލުއިތަކެއް ދިންކަމުގައި ވިޔަސް ރައްޔިތުން ސަމާލުވުމަށް ނަސޭހަތްތެރިވެވަޑައިގެންފައެވެ.
ނިއުޒިލޭންޑުން 1500 އެއްހާ ކޮވިޑް ކޭސް ފެނިފައިވާއިރު އެގައުމުން 22 މީހަކު ވަނީ މިބަލީގައި މަރުވެފައެވެ.