އިބްރާހިމް ޒަކީ
ސިވިލްސާވިސް ކޮމިޝަން (ސީއެސްސީ)ގެ މެންބަރުކަމުން ފާތިމަތު އާމިރާ ވަކިކުރުމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް އިއުލާން ކުރައްވައި، އެކަން ދިރާސާ ކުރެއްވުމަށްފަހު އެމަސައްކަތް ކުރިޔަށް ގެންދަން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް މަޖިލިސް ރައީސް މުހައްމަދު ނަޝީދު ފޮނުއްވައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަޖިލިސް ރައީސް ވިދާޅުވީ، އާމިރާ ސީއެސްސީ ވަކި ކުރުމާ ބެހޭގޮތުން މަޖިލީހުގެ ރައީސަށް ކޮމިޓީން ސިޓީ ފޮނުއްވާފައިވާ ކަމަށާއި، އެކަން މަޖިލީހަށް އިއުލާންކޮށް، އެ މައްސަލަ ކޮމިޓީއަށް ފޮނުއްވާ ކަމަށެވެ.
ސީއެސްސީގެ މެންބަރުކަމުން އާމިރާ ވަކިކުރުމުގެ މަސަައްކަތް ކުރަން ކޮމިޓީން ނިންމީ ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީގައި އިތުރުފުޅު ހައްދަވާފައިވާ ކަމަށްބުނެ އެވެ.
ފަސް މެންބަރުން ހިމެނޭ ސިވިލް ސާވިސް ކޮމިޝަންގައި އާމިރާ ފިޔަވައި ދެން ތިންބެވި ހަތަރު މެންބަރުން ކަމަށްވާ، ކޮމިޝަންގެ ރައީސް ޑރ. އަލީ ޝަމީމް އާއި ކޮމިޝަންގެ ނައިބު ރައީސް ޝަހީދު މުހައްމަދާއި މެންބަރުންގެ ގޮތުގައި ތިއްބެވި ޒަކަރިއްޔާ ހުސެއިނާއި އިބްރާހިމް ޝަހީގު މެންބަރުކަމުން ވަކިކުރަން މީގެ ކުރިން އެ ކޮމިޓީން ވަނީ ފާސްކޮށްފައެވެ.
ނަަމަވެސް އެ ގޮތަށް ފާސްކޮށްފައިވަނީ، ފަސް މެންބަރުން ބައިވެރިވަޑައިގެންނެވި ކޮމިޓީގެ ބައްދަލުވުމެއްގައި ތިން މެންބަރުން ވޯޓު ދެއްވައިގެންނެވެ. އެހެންކަމުން ކޮމިޓީގެ ގިނަ މެންބަރުންތަކެއްގެ ވޯޓާއެކު އަލުން އެ މެންބަރުން މަގާމުން ވަކިކުރަން ކޮމިޓީން ފާސްކުރަން، އެ މައްސަލަ މަޖިލީހުގެ ތަޅުމަށް ފޮނުވުމަށްފަހު ވަނީ އަނބުރާ ކޮމިޓީއަށް ގެންގޮސްފައެވެ.