ޗައިނާއިން 77 ގައުމެއްގެ ލޯނު ދެއްކުން ފަސްކޮށްދީފި އެވެ.
ޗައިނާއިން ލޯނު ދެއްކުން ލަސްކޮށްދީފައިވަނީ ކޮން ގައުމުތަކެއްކަމެއް ހާމަކޮށްފައެއް ނުވެއެވެ.
މި 77 ގައުމުތެކުގެ ތެރޭގައި ރާއްޖެ ހިމެނޭތޯ ބެލުމަށް 'ވަން' އިން ފިނޭންސް މިނިސްޓްރީއާ ސުވާލުކުރުމުން އެމިނިސްޓްރީން މިކަމާބެހޭގޮތުން ޖަވާބެއް ދީފައެއް ނުވެއެވެ. އެހެންކަމުން އެ 77 ގައުމުގެ ތެރޭގައި ރާއްޖެ ހިމެނޭކަމެއް ނުވަތަ ނޫންކަމެއް އަދި ވަނީ ޔަގީން ނުވެފައެވެ.
މިދިޔަ މާޗް މަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅުދައްކަވަމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ޗައިނާއިން ނަގާފައިވާ ލޯނުތައް ދެއްކުމުގައި ލުއި ގޮތްތަކެއް ހޯދައިދިނުމަށް މަޝްވަރާ ކުރެވެމުން އަންނަ ކަމަށާއި އެގޮތުން ލޯނުތަކުގައި އެހީތެރިކަން ހޯދުމަށް ޗައިނާގެ ރައީސަށް ސިޓީފުޅެއް ފޮނުއްވާފައިވާ ކަމަށް ވިދާޅުވެފައެވެ. ނަމަވެސް އެ ސިޓީގެ ޖަވާބެއް ޗައިނާއިން ދީފައިވާ ކަމެއް ސަރުކާރުން އަދި ހާމަ ކޮށްފައެެއް ނުވެއެވެ.
ޗައިނާގެ ފޮރިން މިނިސްޓްރީގެ ނައިބު މާ ޒާއޮޒު ކޮވިޑާ ދެކޮޅަށް ޗައިނާއިން އަޅާ ފިޔަފަޅުތައް ހިމެނޭ ކަރުދާހުގެ މައުލޫމާތު ދެއްވުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވީ އެގައުމުން މިކަން ނިންމާފައި މިވަނީ ކޮވިޑާ ދެކޮޅަށް އެގައުމުތަކުން ކުރަމުން އަންނަ މަސައްކަތްތަކަށް އެހީތެރިވެދިނުމުގެ ގޮތުން ކަމަށެވެ.
މިބައްދަުވުމުގައި މާ ޒާއޮޒު ވިދާޅުވީ ކޮވިޑްގެ ދަތި ދަނޑިވަޅުގައި 170 އަށްވުރެ ގިނަ ލީޑަރުންނާއި އެކި އޯގަނައިޒޭޝަން ތަކުގެ 50 އަށްވުރެ ގިނަ ފަރާތްތަކުންނާއި އެކި ގައުމުތަކުގެ 300 އަށްވުރެ ގިނަ ސިޔާސީ ޕާޓިތަކުން ޗައިނާގެ ހާލުބަލައި އެހީތެރިވެފައިވާކަން ފާހަގަ ކުރައްވާފައެވެ.