ކުއްލި ޚަބަރު

ކޮވިޑުގެ އިމިޔުނިޓީ ހުންނަނީ ކިހާ ދުވަހަކަށް ކަމެއް ނޭނގެ: ޑރ. ނަޒްލާ

އަލީ ޔާމިން

ކޮވިޑުގެ އިމިޔުނިޓީ ހުންނަނީ ކިހާ ދުވަހަކަށް ކަމެއް ނޭނގޭ ކަމަށް ޑރ. ނަޒްލާ ރަފީގު ވިދާޅުވެއްޖެއެވެ.

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ޑރ. ނަޒްލާ ވިދާޅުވީ، ކޮވިޑް 19 ޖެހުމަށްފަހު ރަނގަޅުވާ މީހުންގެ ހަށިގަނޑުގައި އިމިޔުނޯގްލޮބްލިން (އައިޖީޖީ) އެންޓިބޮޑީސް އުފެދޭ ކަމަށާއި ނަމަވެސް އެންޓިބޮޑީސް ހަށިގަނޑުގައި ހުންނަނީ ކިހާ މުއްދަތަކަށް ކަމެއް އެނގިފައި ނުވާ ކަމަށެވެ.

"މިހާތަނަށް އަޅުގަނޑުމެންނަށް މައުލޫމާތު ލިބިފައިވަނީ ޕޮޒިޓިވްވެފައި ރަނގަޅުވާ މީހުންގެ އައިޖީޖީ އެންޓިބޮޑީސް އުފެދޭ ކަމަށް. އޭގެ މާނައަކީ އެމީހުންގެ އިމިއުނިޓީ ޑިވެލޮޕްވެއޭ. އަޅުގަނޑުމެންނަށް ނޭނގޭ ކަމަކީ މި އެންޓިބޮޑީސް ހުންނަނީ ކިހާ މުއްދަތަކަށްތޯ،" ޑރ. ނަޒްލާ ވިދާޅުވިއެވެ

ޑރ. ނަޒްލާ ވިދާޅުވީ، ބައެއް ބަލިތައް ޖެހުމަށް ފަހު އުމުރު ދުވަހަށްވެސް ހަށިގަނޑުގައި އެންޓިބޮޑީސް ހުންނަ ކަމަށެވެ.

މީގެ އިތުރުން ޑރ. ނަޒްލާ ވިދާޅުވީ، ރާއްޖޭގައި ކޮވިޑު ޖެހުމަށްފަހު ރަނގަޅުވި މީހަކަށް އަލުން ކޮވިޑު ޖެހިފައިވާކަމުގެ އެއްވެސް ރިޕޯޓެއް މިހާތަނަށް ލިބިފައިނުވާ ކަމަށެވެ.