މާލެއިން ރަށްރަށަށް ފޮނުވާ މީހުންގެ ހަދަނީ އެންޓިބޮޑީ ޓެސްޓު ކަމަށް ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ)ގެ ޑިރެކްޓަރު ޖެނެރަލް އާދަމް ޝަރީފް ވިދާޅުވެއްޖެއެވެ.
ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު،(އެންއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އާދަމް ވިދާޅުވީ، ރަށްރަށުގައި މީހުން ކަރަންޓީން ކުރަން ނިންމީ ކަރަންޓީން ފެސިލިޓީތައް ފުރިފައިވުމާ، ގިނަ އަދަދެއްގެ ބަޔަކު އާއިލާގެ ބެލުމުގެ ދަށުގައި ކަރަންޓީނުވުމަށް އެދެމުންދާތީ ކަމަށެވެ.
އެގޮތަށް ކަރަންޓީނަށް ފޮނުވާ މީހުން ކަރަންޓީންގެ މުއްދަތު ކަމަށްވާ 24 ދުވަސް ހަމަވުމުން ކޮވިޑަށް ޓެސްޓު ކުރުމަށްފަހު ނަތީޖާ ނެގެޓިވްވެއްޖެ ނަމަ ދޫކޮށްލާނެ ކަމަށް ވިދާޅުވިއެވެ.
"ރަށްރަށަށް ފޮނުވާ މީހުންގެ މި ހަދަނީ އެންޓިބޮޑީ ޓެސްޓު،" އާދަމް ވިދާޅުވިއެވެ.
ރަށްރަށަށް ދިއުމަށް މިހާރުވެސް ގިނަ އަދަދެއްގެ ބަޔަކު ރަޖިސްޓްރީކޮށްފައިވާ އިރު، އިއްޔެވެސް ވަނީ އައްޑޫ ސިޓީގައި ކަރަންޓީންވުމަށް 50 މީހަކު ފޮނުވާލައިފައެވެ. އަދި މާދަމާ އިތުރު 100 މީހަކު ކަރަންޓީނަށް ފޮނުވާނެ ކަމަށް އާދަމް ވިދާޅުވިއެވެ.
ރަށްރަށުގައި ކަރަންޓީންވެވެން ނެތް މީހުންނަށް މިހާރުވެސް ޓްރާންސިޓް ކަރަންޓީން ފެސިލިޓީތަކުގައި ކަރަންޓީންގެ މުއްދަތު ފުރިހަމަ ކުރެވޭނެ ކަމަށްވެސް އާދަމް ވިދާޅުވިއެވެ.