އަލީ ޔާމިން
ކޮންމެ އަތޮޅަކުންވެސް އެންޓިބޮޑީ ޓެސްޓު ހެދުމުގެ ކަންކަން ހަމަޖެއްސުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ޑރ. ނަޒްލާ ރަފީގު ވިދާޅުވެއްޖެއެވެ.
ޑރ. ނަޒްލާ މިހެން ވިދާޅުވީ، މާލެއިން ރަށްރަށަށްދާ މީހުން 24 ދުވަހުގެ ކަރަންޓީންގެ މުއްދަތު ފުރިހަމަ ކުރުމަށް ފަހު އެންޓިބޮޑީ ޓެސްޓު ހެދުމަށް ނިންމާފައިވާތީ، އެކަމާ ގުޅިގެން ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.
ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ނަޒްލާ ވިދާޅުވީ، ރާއްޖޭގެ ކޮންމެ އަތޮޅެއްގައިވެސް އެންޓިބޮޑީ ޓެސްޓުގެ އިންތިޒާމުތައް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި ވަރަށް އަވަހަށް އަތޮޅުތެރޭގައި އެންޓިބޮޑީ ޓެސްޓު ހެދޭނެ ކަމަށެވެ.
ޑރ. ނަޒްލާ ވިދާޅުވީ، އެންޓިބޮޑީ ޓެސްޓުން ބަލި ޖެހިފައިވާކަން ދެނެގަނެވޭނީ ހަށިގަނޑަށް ވައިރަސް ވަންނަތާ 11 ވަރަކަށް ދުވަސް ފަހުން ކަމަށެވެ. އަދި އެންޓިބޮޑީ ޓެސްޓުގެ ބައިވަރު ވައްތަރުތައް ހުންނަ ކަމަށާއި، ރާއްޖޭގައި ހަދާ އެންޓިބޮޑީ ޓެސްޓަކީ ވަކި ސްޓޭންޑާޑަކަށް ފެތޭ ޓެސްޓެއް ކަމަށް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން ޑރ. ނަޒްލާ ވިދާޅުވީ، ބަލިހުރިކަން އަވަހަށް ދެނަގަތުމަށް އެންޓިބޮޑީ ޓެސްޓަކީ ހެދުން ރައްކާތެރި ޓެސްޓެއް ނޫން ކަމަށެވެ. ރާއްޖޭގައި އާންމުކޮށް ބަލި ޖެހިފައިވާކަން ދެނެގަތުމަށް ހަދަނީ ޕީސީއާރް ޓެސްޓެވެ. ނަމަވެސް މީގެ ކުރިން ބަލި ޖެހިފައިވޭތޯ ކަށަވަރުކުރުމަށް އެންޓިބޮޑީ ޓެސްޓުވެސް ރާއްޖޭގައި ހަދައެވެ.