ކުއްލި ޚަބަރު

ރަށްރަށުގައި ކަރަންޓީން ކުރަން ނިންމީ ކަރަންޓީން ފެސިލިޓީތައް ފުރިފައި ހުރުމުން: އާދަމް

ރަށްރަށަށް ދާ މީހުން ރަށަށް ދިއުމަށްފަހު ކަރަންޓީން ކުރަން ނިންމީ ކަރަންޓީން ފެސިލިޓީތައް ފުރިފައި ހުރުމުން ކަމަށް ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ)ގެ ޑިރެކްޓަރު ޖެނެރަލް އާދަމް ޝަރީފް ވިދާޅުވެއްޖެއެވެ.

ކޮވިޑް-19 އާ ގުޅިގެން މާލޭގައި ތާށިވެފައި ތިބި އަތޮޅުތެރޭގެ ރައްޔިތުން އަނބުރާ ރަށްރަށަށް ފޮނުވުމުގެ ކުރިން ރިސޯޓްތަކުގައި ހަދާފައި ހުންނަ ޓްރާންސިޓް ކަރަންޓީން ފެސިލިޓީތަކުގައި 14 ދުވަހުގެ މުއްދަތަށް ކަރަންޓީން ކުރެއެވެ.

ނަމަވެސް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިއްޔެ ވަނީ އެފަދަ މީހުން ރަށްރަށުގައި ހުންނަ ގެތަކުގައި ނުވަތަ ތަނެއްގައި ކަރަންޓީން ކުރެވޭނެ ގޮތަށް އުސޫލެއް ނެރެފައެވެ. އެ އުސޫލުގައި ބުނެފައިވާ ގޮތުން މާލެއިން އަތޮޅުތެރެއަށް ދެވޭނީ ކޮވިޑުގެ އެއްވެސް އަލާމާތެއް ނެތް މީހުންނަށެވެ. އަދި ރަށަށް ދިއުމަށްފަހު އެމީހެއްގެ ގޭގައި 24 ދުވަސް ވަންދެން ކަރަންޓީންވާން ޖެހެއެވެ.

ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އާދަމް ވިދާޅުވީ، ޓްރާންސިޓް ކަރަންޓީން ފެސިލިޓީތައް ފުރިފައި ހުރުމުން މާލޭގައި ތާށިވެފައި ތިބި އަތޮޅުތެރޭގެ ރައްޔިތުންގެ ތެރެއިން އަނބުރާ ރަށަށް ދާން ބޭނުން ވެގެން އެދުނު 2300 އަށްވުރެ ގިނަ މީހަކު ރަށަށް ނުފޮނުވި އެބަ ތިބި ކަމަށެވެ.

"މިހާރު ރިސޯޓް ފެސިލިޓީތައް ފުރިފައި އޮތުމާއެކީގައި މިވަގުތު އިތުރު ހުސް ތަންތަން ލިބެން ނެތީމަ އަދި ރައްޔިތުންގެ ތެރެއިން ގިނަ ފަރާތްތަކަކުން ބޭނުންވޭ އަމިއްލަ ގެދޮރުގައި އަމިއްލަ ރަށުގައި ކަރަންޓީން ވެގެން ކަރަންޓީނުގެ މުއްދަތު ފުރިހަމަކުރުމަށް،" އާދަމް ވިދާޅުވިއެވެ.

ކަރަންޓީން ފެސިލިޓީތަކުގައި 14 ރިސޯޓެއް ޓޫރިޒަމް މިނިސްޓްރީން ވަނީ ކަނޑަޅައިފައެވެ.

އޭނާ ވިދާޅުވި ގޮތުގައި، ގޭގައި ކަރަންޓީން ކުރުމުގެ އުސޫލުގެ ތެރެއިން އެ އުސޫލުގައިވާ ކަންތައްތައް ފުރިހަމަވޭތޯ ބެލުމަށްފަހު 42 މީހަކު އިއްޔެ ފުރުވާލާފައިވާ ކަމަށެވެ. އެ އެންމެންނަކީ ވެސް އައްޑޫ މީހުން ކަމަށް ވެސް ވިދާޅުވިއެވެ.

އޭގެ އިތުރުން އިތުރު އައްޑޫގެ 50 މީހަކާއި ފުވައްމުލައް ސިޓީގެ 50 މީހަކު މާދަމާ ހޯމް ކަރަންޓީނަށް ފޮނުވާލެވޭނެ ކަމަށް އާދަމް ވިދާޅުވިއެވެ. އަދި ވިދާޅުވީ، އެމީހުން ފޮނުވާލުމުގެ ކުރިން ނަގަންޖެހޭ ޓެސްޓުތައް ނެގުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.