އައްޑޫ ސިޓީ އާއި ކުޅުދުއްފުށި ސިޓީ އަދި ބ. އޭދަފުށީގައި ޕީސީއާރު ޓެސްޓު ހެދުމަށް ތައްޔާރުވާން ފަށައިފިއެވެ.
ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެންއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހެލްތު މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓަރު ޖެނެރަލް ނަޔާޒް އަހުމަދު ވިދާޅުވީ އައްޑޫ އާއި ކުޅުދުއްފުށި އަދި އޭދަފުށީގައި ޕީސީއާރު މެޝިން ބެހެއްޓޭނެ ކަމަށެވެ.
"ޕީސީއާރު މެޝިން ތިން ތަނެއްގައި ގާއިމުކުރެވޭ. އެއީ ކުޅުދުއްފުއްޓާއި އައްޑޫ އަދި އޭދަފުށި. އަޅުގަނޑުމެން މިހާރު ވާނީ ޕީސީއާރު އައްޑޫއާއި ކުޅުދުއްފުށިން، ކޮންމެ ހޮސްޕިޓަލަކުން ދެ ލެބް ޓެކްނީޝަނުން ގެނެސް ޓްރޭނިން ދީފައި. އައްޑޫގެ ލެބް ޓެކްނީޝަނުން މިހާރު އައްޑޫއަށް ވަޑައިގެންފި. ކުޅުދުއްފުށީގައި ލެބް ޓެކްނީޝަނުން އިރާދަކުރެއްވިއްޔާ މާދަމާ ވަޑައިގެން، އެބޭފުޅުންގެ ކަރަންޓީނު މުއްދަތު ނިމިގެން ހިދުމަތް ދޭން ފަށާނެ،" އޭނާ ވިދާޅުވިއެވެ.
ނަޔާޒް ވިދާޅުވީ އޭޕްރީލް 15 ވަނަ ދުވަހު މާލެއިން ފުރަތަމަ ކޮވިޑް ކޭސް ފެނުމާއެކު އަތޮޅު ތެރޭގެ ފަސް ރީޖަނެއްގައި ކޮވިޑް ހެލްތު ފެސިލިޓީސް ގާއިމުކުރުމަށް ސަރުކާރުން ނިންމި ކަމަށާއި އެ ރީޖަންތަކުގައި ޖީން އެކްސްޕާޓް މެޝިން ބަހައްޓާ ގޮތަށް ހަމަޖެހިފައިވާ ކަމަށެވެ. އެ ފެސިލިޓީސްތައް ހުންނާނީ ށ. ފުނަދޫ، ބ. އޭދަފުށި، ލ. ގަން، ގއ. ވިލިނގިލި، އައްޑޫ ސިޓީ، ހއ. އިހަވަންދޫ އަދި ފުވައްމުލަކު ސިޓީގައި ކަމަށް އޭނާ ވިދާޅުވިއެވެ.