ދެ މީހަކު ޕޮޒިޓިވްވެ، ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވީ މީހުންގެ އަދަދު 1903 އަށް އަރައިފިއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ މިދިޔަ 24 ގަޑިއިރުގެ ތެރޭގައި (އިއްޔެ ހަވީރު 6:00 އިން މިއަދު ހަވީރު 6:00 އަށް) ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ ދެ ދިވެހިން ކަމަށެވެ. އެހެންކަމުން މިއަދަކީ އޭޕްރީލް 15 ވަނަ ދުވަހު މާލެއިން ފުރަތަމަ ޕޮޒިޓިވް ކޭސް ފެނުނު ފަހުން އެންމެ މަދު ބަޔަކު ޕޮޒިޓިވްވީ ދުވަހެވެ.
ފާއިތުވެދިޔަ ފަސް ދުވަހު ވެސް ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދު މަދެވެ. މިދިޔަ އަންގާރަ ދުވަހު 12 މީހަކު ޕޮޒިޓިވްވެފައިވާ އިރު، މިދިޔަ ބުދަ ދުވަހު ޕޮޒިޓިވްވެފައިވަނީ ނުވަ މީހެކެވެ. ބުރާސްފަތި ދުވަހު 22 ކޭސްއެއް އަދި ހުކުރު ދުވަހު ޕޮޒިޓިވްވެފައިވަނީ 11 މީހެކެވެ. އިއްޔެ ބައްޔަށް ޕޮޒިޓިވްވެފައިވަނީ 18 މީހެކެވެ.
އޭގެ އިތުރުން މިއަދު ވަނީ ޕޮޒިޓިވްވި އިތުރު 64 މީހަކު ރަނގަޅުވެފައެވެ. އެހެންކަމުން މިހާރު ބަލިން ފަސޭހަވީ މީހުންގެ ޖުމުލަ ވަނީ 827 އަށް އަރައިފައެވެ.
ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން އަށް މީހަކު ވަނީ މަރުވެފައެވެ. އެއީ އުމުރުން ދުވަސްވީ ހަތަރު ދިވެއްސަކާއި ބަންގުލަދޭޝްގެ ހަތަރު މީހެކެވެ.