ރާއްޖޭގައި ކޮވިޑް 19އަށް ފަރުވާ ހޯދަމުންދިޔަ އިތުރު 64 މީހުން ރަނގަޅުވެއްޖެއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ ކޮވިޑަށް ފަރުވާ ހޯދަމުންދިޔަ ޖުމުލަ 827 މީހަކު ބަލިން ރަނގަޅުވެފައިވާ ކަމަށެވެ.
މިދިޔަ 24 ގަޑިއިރުގެ ތެރޭގައި (އިއްޔެ ހަވީރު 6:00 އިން މިއަދު ހަވީރު 6:00 އަށް) ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވެފައިވަނީ ދެ މީހެކެވެ. އެއީ ދެ ދިވެހިންނެވެ. އެއާއެކު ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވީ މީހުންގެ އަދަދު މިވަނީ 1903 އަށް އަރައިފައެވެ. މިއަދަކީ އޭޕްރީލް 15 ވަނަ ދުވަހު މާލެއިން ފުރަތަމަ ޕޮޒިޓިވް ކޭސް ފެނުނު ފަހުން އެންމެ މަދު ބަޔަކު ޕޮޒިޓިވްވީ ދުވަހެވެ.
ފާއިތުވެދިޔަ ފަސް ދުވަހު ވެސް ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދު މަދެވެ. މިދިޔަ އަންގާރަ ދުވަހު 12 މީހަކު ޕޮޒިޓިވްވެފައިވާ އިރު، މިދިޔަ ބުދަ ދުވަހު ޕޮޒިޓިވްވެފައިވަނީ ނުވަ މީހެކެވެ. ބުރާސްފަތި ދުވަހު 22 ކޭސްއެއް އަދި ހުކުރު ދުވަހު ޕޮޒިޓިވްވެފައިވަނީ 11 މީހެކެވެ. އިއްޔެ ބައްޔަށް ޕޮޒިޓިވްވެފައިވަނީ 18 މީހެކެވެ.
ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން އަށް މީހަކު ވަނީ މަރުވެފައެވެ. އެއީ އުމުރުން ދުވަސްވީ ހަތަރު ދިވެއްސަކާއި ބަންގުލަދޭޝްގެ ހަތަރު މީހެކެވެ.