ސިމެންތި ބަސްތާ ބޮލަށް ވެއްޓި ޒަހަމްވި ކުއްޖާ ދާދި ދެންމެ މަރުވެއްޖެ އެވެ.
އައިޖީއެމްއެޗުން ވަނީ ދާދި ދެންމެ "ވަން އޮންލައިން" އަށް އެކަން ކަށަވަރުކޮށްދީފަ އެވެ. އެކުއްޖާ މީގެ އިރުކޮޅެއް ކުރީން މަރުވި އިރު، އެ ކުއްޖާގެ ގިނަ އޮޕަރޭޝަން ތަކެއް ވެސް އައިޖީއެމްއެޗުން ވަނީ ކޮށްފަ އެވެ. އެންމެ ފަހު އޮޕަރޭޝަން ކުރީ ރޭ ދަންވަރުގެ ވަގުތެއްގަ އެވެ. އޭގެ ފަހުން ވެސް އެކުއްޖާ ނޭވާލައްވަމުން ގެންގޮސްފައި ވަނީ މެޝިނުގެ އެހީގަ އެވެ.
''ވަންއޮންލައިން''އަށް މައުލޫމާތު ދެއްވަމުން އައިޖީއެމްއެޗްގެ ޑެޕިއުޓީ ސީއީއޯ އަދި މީޑިއާ އޮފިޝަލް މުހައްމަދު މުފީދު ވިދާޅުވީ ބޮލަށް ސިމެންތި ބަސްތާއެއް ވެއްޓި އަނިޔާވެގެން ގެނައި ކުއްޖާ ނިޔާވީ މިއަދު މެންދުރު ގާތްގަނޑަކަށް 12:30 އެހާކަށް ހާއިރު ކަމަށެވެ.
އިއްޔެ ހެނދުނު 10:45 އެހާކަށްހާއިރު މާލޭގެ މަގެއްގެ މަތިން ހިނގާފައި ދިޔަ ބަންގްލަދޭޝްގެ ހަތް އަހަރުގެ ކުއްޖެއްގެ ބޮލަށް އިމާރާތެއްގެ މަތިން ސިމެންތި ބަސްތާ ވެއްޓުނު ހާދިސާގައި އެކުއްޖާއަށް ވަނީ ވަރަށް ބޮޑެތި ސީރިއަސް އަނިޔާތައް ލިބިފައެވެ.
އެހާދިސާގައި ކުއްޖާގެ ފަޔަށާއި ކޮނޑު ހުޅަށް ވެސް ވަނީ ބޮޑެތި އަނިޔާތަކެއް ވަނީ ލިބިފަ އެވެ. އަދި ކުއްޖާގެ ހަށިގަނޑު ތެރެއަށް ވެސް ވަނީ ލޭ އެޅިފަ އެވެ.
ސިމެންތި ބަސްތާ ވެއްޓުނީ ސަންފްރޮންޓް ލައިޓް ހުންނަ މ. ނަލަހިޔާ މަންޒިލްގައި ހަދަމުންދާ އިމާރާތުގެ ފަސް ވަނަ ބުރިންނެވެ.