ޓްރާންސިޓް ކަރަންޓީނަށް ގެންދިޔަ އެކަކު ވެސް ޕޮޒިޓިވް ނުވާ ކަމަށް ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެންއީއޯސީ)ގެ ތަރުޖަމާނު މުހައްމަދު މަބްރޫކު އަބްދުލް އަޒީޒު ވިދާޅުވެއްޖެއެވެ.
ކޮވިޑް 19ގެ ސަބަބުން މާލެ ސަރަހައްދު ލޮކްޑައުން ކުރުމުގެ ސަބަބުން މާލޭގައި ތާށިވެފައި ތިބި މީހުން އަނބުރާ ރަށަށް ފޮނުވުމުގެ އުސޫލު އާންމުކޮށް އެފަދަ މީހުން ރަށަށް ފޮނުވުމުގެ މަސައްކަތް ފަށާފައިވަނީ މިދިޔަ މެއި މަހުގެ ކުރީކޮޅުއެވެ. އެގޮތުން އެފަދަ ތިންހާހެއްހާ މީހުންނަށް މާލެއިން ފުރުމުގެ ހުއްދަ ދީފައިވާޢިރު، އެމީހުން ރަށަށް ގެންދާނީ މެނޭޖްޑް ތަނެއްގައި 14 ދުވަހު ކަރަންޓީނު ކުރުމަށްފަހު، ކޮވިޑް 19އަށް ޓެސްޓުކޮށް، އެ ޓެސްޓު ނެގެޓިވް ވުމުންނެވެ.
އެންއީއޯސީގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކު ވިދާޅުވީ، ޓްރާންސިޓް ފެސިލިޓީތަކަށް ގެންދިޔަ އެކަކު ވެސް މިހާތަނަށް ކޮވިޑް-19 އަށް ޕޮޒިޓިވްވެފައި ނުވާ ކަމަށެވެ.
މީގެ ކުރިން މާލެއިން އަނބުރާ ރަށަށް ދިއުމަށް ހުއްދަ ދޭ މީހުން ޓްރާންސިޓް ފެސިލިޓީއެއްގައި ކަރަންޓީން ކުރި ނަމަވެސް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވަނީ އެގޮތަށް ހުއްދަ ދޭ މީހުން ސީދާ ރަށަށް ގޮސް، ގޭގައި ކަރަންޓީން ކުރެވޭނެ ގޮތަށް އުސޫލެއް ނެރެފައެވެ.
އެ އުސޫލުގައި ބުނެފައިވާ ގޮތުން، ސަރުކާރުގެ ހަރަދުގައި މާލެއިން އަތޮޅުތެރެއަށް ދެވޭނީ ކޮވިޑުގެ އެއްވެސް އަލާމާތެއް ނެތް މީހުންނަށެވެ. އެފަދަ މީހުން ރަށުގައި 14 ދުވަހަށް ކަރަންޓީންވާން ޖެހޭނެ ކަމަށާއި އަދި އެ މުއްދަތު ހަމަވުމުން ކޮވިޑުގެ ޓެސްޓު ހަދައި ނަތީޖާ ނެގެޓިވްވެއްޖެނަމަ ކަރަންޓީނުން ދޫކޮށްލެވޭނެ ކަމަށް ވެސް އުސޫލުގައިވެއެވެ.
މިރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކު ވިދާޅުވީ، ރަށުގައި ހުންނަ ގެއެއް ނުވަތަ ތަނެއްގައި ކަރަންޓީނު ކުރުމުގެ ހުއްދަ ދޭނީ އެކަމަށް ކަނޑައަޅާފައިވާ ޝަރުތުތައް ހަމަވާކަމުގައިވާ ނަމައެވެ. އެ ޝަރުތުތައް ހަމަނޫންނަމަ އެފަދަ މީހުން ދެން ވެސް ރަށަށް ފޮނުވާނީ ޓްރާންސިޓް ކަރަންޓީން ފެސިލިޓީތަކަށް ގެންދިއުމަށްފަހު ކަމަށް އޭނާ ވިދާޅުވިއެވެ.