ކުއްލި ޚަބަރު

އެންޓިބޮޑީ ޓެސްޓު ހެދޭނެ މެޝިންތައް އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުގައިވެސް އެބަ ހުރި: މަބްރޫކް

އަލީ ޔާމިން

1

އެންޓިބޮޑީ ޓެސްޓު ހެދޭނެ މެޝިންތައް އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުގައިވެސް އެބަ ހުރި ކަމަށް ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެންއީއޯސީ)ގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަބްދުލް އަޒީޒު ވިދާޅުވެއްޖެއެވެ.

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކް ވިދާޅުވީ، އައްޑޫ ސިޓީ ހިތަދޫގައި ހުންނަ އިކުއިޓޯރިއަލް ހޮސްޕިޓަލުގައިވެސް އެންޓިބޮޑީ ޓެސްޓު ކުރެވޭނެ މެޝިންތައް އެބަހުރި ކަމަށާއި އެ މެޝިންތަކުން ޓެސްޓުކުރަން ބޭނުންވާ ތަކެތިވެސް އެބަހުރި ކަމަށެވެ.

"އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުގައި އެކަން ކުރެވޭނެ. އެއީ އަޅުގަނޑަށް މައުލޫމާތު ލިބެނީ. މިހާރުވެސް އެތަނުގައި ހުރި ފެސިލިޓީތަކުގައި. މިކަމަށް ބޭނުންވާ އިކިއުޕްމަންޓާއި އެނޫންވެސް ތަކެތި އިކުއިޓޯރިއަލް ހޮސްޕިޓަލުގައި އެބަހުއްޓޭ،" މަބްރޫކް ވިދާޅުވިއެވެ.

މަބްރޫކް ވިދާޅުވީ، ޓެސްޓުކުރުމުގެ ކެޕޭސިޓީ އިތުރު ކުރާއިރު ފުރަތަމަ ބަލަނީ ސަރުކާރުގެ ބެލުމުގެ ދަށުން ހިންގާ ހޮސްޕިޓަލުތަކާއި ސިއްހީ ހިދުމަތްދޭ ތަންތަނުގައި ޓެސްޓު ކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަށް ކަމަށެވެ. ނަމަވެސް ސަރުކާރަށް އެކަން އެކަށީގެންވާ ވަރަށް ނުކުރެވި ޕަބްލިކް ޕްރައިވެޓް ޕާޓްނާޝިޕްއަކަށް ގޮސް ޕްރައިވެޓް ތަންތަނުން އެކަން ކުރެވެން ހުރިއްޔާ އެކަމަށް މަރުހަބާ ކިޔާނެ ކަމަށް ވިދާޅުވިއެވެ.

މަބްރޫކް މިހެން ވިދާޅުވެފައިވާއިރު، އައްޑޫ ސިޓީ ފޭދޫގައި ހިންގާ އަމިއްލަ ކުލިނިކެއް ކަމަށްވާ އެއިމްސް ޑައިގްނޯސްޓިކް ކެއާ އިން އައްޑޫގައި ކޮވިޑް 19 އަށް ޓެސްޓު ކުރެވޭނެ އިންތިޒާމު ހަމަޖައްސައި އެކަމުގެ ހުއްދައަށް އެދުމުން އެ ހުއްދަ ދެވެން ނެތް ކަމަށް ހެލްތު މިނިސްޓްރީން އަންގާފައިވާ ކަމަށް އެއިމްސް އިން ބުނެއެވެ.

މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ނަޒްލާ މުސްތަފާ ވިދާޅުވީ، ބަލި ދެނެގަތުމަށް އެންޓިބޮޑީ ޓެސްޓަކީ ހެދުން އެހާ ރަނގަޅު ޓެސްޓެއް ނޫން ކަމަށެވެ. އެއީ އެންޓިބޮޑީ ޓެސްޓުން ބަލި ޖެހުނުކަންވެސް ދައްކާނީ 9 ދުވަހާއި 11 ދުވަހާ ދެމެދުގެ މުއްދަތެއްގައި ކަމަށްވުމުން ކަމަށާއި އެންޓިބޮޑީ ޓެސްޓުން އެހެނިހެން ބައެއް ވައިރަސްތަކާ ކޮންޓާމިނޭޓްވުން އެކަށީގެންވާ ކަމަށްވެސް ވިދާޅުވިއެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟