ޓެސްޓު ކުރުން މަދު ނުކުރާ ކަމަށާއި މިދިޔަ ހަތް ދުވަސްތެރޭ 5000 އަށްވުރެ ގިނަ ޓެސްޓު ކުރި އިރު ޕޮޒިޓިވްވީ 310 މީހުން ކަމަށް ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެންއީއޯސީ)ގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަބްދުލް އަޒީޒު ވިދާޅުވެއްޖެއެވެ.
އެންއީއޯސީގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މަބްރޫކު ވިދާޅުވީ މިދިޔަ ހަތް ދުވަހުގެ ތެރޭ 5734 ސާމްޕަލެއް ނެގުނު އިރު، ޕޮޒިޓިވްވެފައިވަނީ 310 މީހަކު ކަމަށެވެ. އަދި 233 ސާމްޕަލެއްގެ ނަތީޖާ މިހާތަނަށް ނުލިބިވާކަން އޭނާ ފާހަގަކުރެއްވިއެވެ.
"30 މެއި ވީ ދުވަހު 653 ސާމްޕަލެއް ޖުމުލަ ނެގި. އޭގެ ތެރެއިން 81 މީހުން ޕޮޒިޓިވް. 31 މެއި ވީ ދުވަހު 557 ސާމްޕަލެއް ނެގުނު. އޭގެ ތެރެއިން 101 މީހުން ޕޮޒިޓިވް. 31 މެއި އިން ފެށިގެން 1 ޖޫންގެ 6:00 އާ ހަމައަށް 835 ސާމްޕަލް. 56 ޕޮޒިޓިވް ކޭސް. 1 ޖޫންގެ 6:00 އިން 2 ޖޫންގެ 6:00 އަށް 704 ސާމްޕަލް. 12 ޕޮޒިޓިވް. 2 ޖޫންގެ 6:00 އިން 3 ޖޫންގެ 6:00 އާ ހަމައަށް 618 ސާމްޕަލެއް. ނުވަ ޕޮޒިޓިވް ކޭސްއެއް ފެނުނު. 3 ޖޫން 6:00 އިން 4 ޖޫން 6:00 އާ ހަމައަށް 685 ސާމްޕަލް. 22 ޕޮޒިޓިވް ކޭސް ފެނުނު. 4 ޖޫން 6:00 އިން 5 ޖޫން 6:00 އާ ދޭތެރޭ 957 ސާމްޕަލެއް ނެގިފައި. އޭގެ ތެރެއިން 11 ޕޮޒިޓިވް ކޭސްއެއް ފެނިފައިވޭ. 5 ޖޫން 6:00 އިން 6 ޖޫން 6:00 އާ ދޭތެރޭ 725 ސާމްޕަލެއް ނެގިފައިވަނީ. 18 ޕޮޒިޓިވް ކޭސް." އޭނާ ވިދާޅުވިއެވެ.
މަބްރޫކު ވިދާޅުވީ ރާއްޖެއިން ބަލީގެ ނުރައްކާ ނެތިގެން ދިޔަ ކަމަށް އެ ސެންޓަރުން ނުދެކޭ ކަމަށާއި ލޮކްޑައުންއަށް ދިން ލުޔާއެކު ބަލި އިތުރު ބަޔަކަށް ޖެހިފައިވާކަން އެނގޭނީ ކުރިއަށްއޮތް ދުވަސްތަކުގައި ކަމަށެވެ. އެހެންނަމަވެސް މިހާރު ނަގާ ސާމްޕަލްތަކަށް ބަލާ އިރު، ނަތީތަކުން ޕޮޒިޓިވް މީހުންގެ އަދަދު މަދުވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
މިދިޔަ 24 ގަޑިއިރުގެ ތެރޭގައި (އިއްޔެ ހަވީރު 6:00 އިން މިއަދު ހަވީރު 6:00 އަށް) ޕޮޒިޓިވްވެފައިވަނީ 18 މީހެކެވެ. އެއާއެކު މިހާރު ރާއްޖޭގައި ޕޮޒިޓިވްވި މީހުންގެ ޖުމުލަ އަދަދު ވަނީ 1901 އަށް އަރައިފައެވެ. ކޮވިޑަށް ފަރުވާދެމުންދިޔަ 763 މީހަކު ބަލިން ރަނގަޅުވެފައިވާ އިރު، އަށް މީހަކު ވަނީ ބަލީގައި މަރުވެފައެވެ.