އަލީ ޔާމިން
އެއިމްސް އިން އެދުނީ އެންޓިބޮޑީ ޓެސްޓު ހަދަން ކަމަށާއި ކޮވިޑް ހުއްޓަސް އެންޓިބޮޑީ ޓެސްޓުން ނޭނގިދާނެ ކަމަށް ޑރ. ނަޒްލާ މުސްތަފާ ވިދާޅުވެއްޖެއެވެ.
އައްޑޫ ސިޓީ ފޭދޫގައި ހިންގާ އަމިއްލަ ކުލިނިކެއް ކަމަށްވާ އެއިމްސް ޑައިގްނޯސްޓިކް ކެއާ އިން އައްޑޫގައި ކޮވިޑް 19 އަށް ޓެސްޓު ކުރެވޭނެ އިންތިޒާމު ހަމަޖައްސައި އެކަމުގެ ހުއްދައަށް އެދުމުން އެ ހުއްދަ ދެވެން ނެތް ކަމަށް ހެލްތު މިނިސްޓްރީން ވަނީ އެ ކްލިނިކަށް އަންގައިފައެވެ.
ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ޑރ. ނަޒްލާ ވިދާޅުވީ، އެއިމްސް ކްލިނިކުން އެދިފައިވަނީ އެންޓިބޮޑީ ޓެސްޓު ހެދުމަށް ކަމަށެވެ. ނަމަވެސް އެންޓިބޮޑީ ޓެސްޓަކީ ކޮވިޑު ޖެހިފައިވާ މީހުން ކުރީކޮޅުގައި ދެނެގަތުމަށް ހެދުން އެހާ ރަނގަޅު ޓެސްޓެއް ނޫން ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ. އަދި އެންޓިބޮޑީ އެންމެ ފުރަތަމަވެސް ފެންނާނީ ހަށިގަނޑަށް ވައިރަސް ވަނުމަށްފަހު ފަސްވަނަ ދުވަހުން ފެށިގެން ކަމަށާއި އާންމު ގޮތެއްގައި އެންޓިބޮޑީ ޕޮޒިޓިވްވާނީ ހަށިގަނޑަށް ވައިރަސް ވަންނަތާ 9 ދުވަހާއި 11 ދުވަހާ ދޭތެރޭގައި ކަމަށް ވިދާޅުވިއެވެ.
"އެންޓިބޮޑީން ކޮރޯނާގެ އެހެން ވައިރަސްތަކަށްވެސް ކްރޮސް ރިއެކްޓް ކޮށްފާނެ. ދެން މީގެ އިތުރުން ޑެންގީ ވައިރަސްއަށްވެސް ކްރޮސް ރިއެކްޓްކޮށްފާނެ. އެހެންކަމުން އެންޓިބޮޑީއަކީ އެހާ ސެންސިޓިވް އެއްޗެއް ނޫންކަމަށް ބުނަނީ. އެހެންކަމުން ޑައިގްނޯސިސްގައި އެންޓިބޮޑީ ވަރަށް ބޭނުން ނުކުރާނެ،" ޑރ. ނަޒްލާ ވިދާޅުވިއެވެ.
ޑރ. ނަޒްލާ ވިދާޅުވީ، ބަލީގެ ކުރީކޮޅުގައި ބަލި ދެނެގަތުމަކީ މުހިންމު ކަމެއް ކަމަށާއި އެކަމަށް އެންމެ ރަނގަޅު ޓެސްޓަކީ މިހާރުވެސް ރާއްޖޭގައި ހަދާ ޕީސީއާރް ޓެސްޓު ކަމަށެވެ.
ބަލި ޖެހިފައިވާ މީހުން ދެނެގަތުމަށް ރާއްޖޭގައި އާންމުގޮތެއްގައި ޕީސީއާރް ޓެސްޓު ހެދިނަމަވެސް، ބައެއް ހާލަތްތަކުގައި އެންޓިބޮޑީ ޓެސްޓުވެސް ހަދައެވެ. އެއީ އެމީހަކަށް ކުރިން ބަލި ޖެހިފައިވާކަން ކަށަވަރުކުރުމަށެވެ.