ބަލި ޖެހޭ މީހުންގެ އަދަދު މަދުކަމަށް ދައްކަން ޓެސްޓު ކުރާ އަދަދު ދަށް ނުކުރާ ކަމަށް ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެންއީއޯސީ)ގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަބްދުލް އަޒީޒު ވިދާޅުވެއްޖެއެވެ.
އެންއީއޯސީގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މަބްރޫކު ވިދާޅުވީ ރާއްޖެއިން ބަލީގެ ނުރައްކާ ނެތިގެން ދިޔަ ކަމަށް އެ ސެންޓަރުން ނުދެކޭ ކަމަށެވެ.
"ފޭސް އެކެއްގައި ހުޅުވާލުމާ ގުޅިގެން މި ބަލި އިތުރު ބަޔަކަށް ޖެހިފައިވާ ނަމަ، އެމީހުން ފެންނާނީ ވެސް ކުރިއަށް ހުރި ދުވަސްތަކުގައި ކަމަށް ފެނޭ. އެހެންނަމަވެސް މިހާރު ނަގާ ސާމްޕަލްތަކަށް ބަލާ އިރުގައި ނަތީޖާތަކުގައި ޕޮޒިޓިވްވާ މީހުންގެ އަދަދު މިވަނީ މަދުވެފައި،" އޭނާ ވިދާޅުވިއެވެ.
މަބްރޫކު ވަނީ ފާއިތުވެދިޔަ ހަތް ދުވަހު ނެގުނު ސާމްޕަލްތަކުގެ އަދަދުތަކާއި ޕޮޒިޓިވްވި މީހުންގެ އަދަދު ވެސް ހިއްސާކޮށްދެއްވައިފައެވެ. އެގޮތުން މިދިޔަ ހަތް ދުވަހުގެ ތެރޭ 5734 ސާމްޕަލެއް ނެގުނު އިރު، ޕޮޒިޓިވްވެފައިވަނީ 310 މީހަކު ކަމަށް މަބްރޫކު ވިދާޅުވިއެވެ. އަދި 233 ސާމްޕަލެއްގެ ނަތީޖާ މިހާތަނަށް ނުލިބިވާކަން އޭނާ ފާހަގަކުރެއްވިއެވެ.
"30 މެއި ވީ ދުވަހު 653 ސާމްޕަލެއް ޖުމުލަ ނެގި. އޭގެ ތެރެއިން 81 މީހުން ޕޮޒިޓިވް. 31 މެއި ވީ ދުވަހު 557 ސާމްޕަލެއް ނެގުނު. އޭގެ ތެރެއިން 101 މީހުން ޕޮޒިޓިވް. 31 މެއި އިން ފެށިގެން 1 ޖޫންގެ 6:00 އާ ހަމައަށް 835 ސާމްޕަލް. 56 ޕޮޒިޓިވް ކޭސް. 1 ޖޫންގެ 6:00 އިން 2 ޖޫންގެ 6:00 އަށް 704 ސާމްޕަލް. 12 ޕޮޒިޓިވް. 2 ޖޫންގެ 6:00 އިން 3 ޖޫންގެ 6:00 އާ ހަމައަށް 618 ސާމްޕަލެއް. ނުވަ ޕޮޒިޓިވް ކޭސްއެއް ފެނުނު. 3 ޖޫން 6:00 އިން 4 ޖޫން 6:00 އާ ހަމައަށް 685 ސާމްޕަލް. 22 ޕޮޒިޓިވް ކޭސް ފެނުނު. 4 ޖޫން 6:00 އިން 5 ޖޫން 6:00 އާ ދޭތެރޭ 957 ސާމްޕަލެއް ނެގިފައި. އޭގެ ތެރެއިން 11 ޕޮޒިޓިވް ކޭސްއެއް ފެނިފައިވޭ. 5 ޖޫން 6:00 އިން 6 ޖޫން 6:00 އާ ދޭތެރޭ 725 ސާމްޕަލެއް ނެގިފައިވަނީ. 18 ޕޮޒިޓިވް ކޭސް." އޭނާ ވިދާޅުވިއެވެ.
މިދިޔަ 24 ގަޑިއިރުގެ ތެރޭގައި (އިއްޔެ ހަވީރު 6:00 އިން މިއަދު ހަވީރު 6:00 އަށް) ޕޮޒިޓިވްވެފައިވަނީ 18 މީހެކެވެ. އެހެންކަމުން މިހާރު ރާއްޖޭގައި ޕޮޒިޓިވްވި މީހުންގެ ޖުމުލަ އަދަދު ވަނީ 1901 އަށް އަރައިފައެވެ. ކޮވިޑަށް ފަރުވާދެމުންދިޔަ 763 މީހަކު ބަލިން ރަނގަޅުވެފައިވާ އިރު، އަށް މީހަކު ވަނީ ބަލީގައި މަރުވެފައެވެ.