އަނެއްކާވެސް ކޮވިޑަށް ފަރުވާ ހޯދަމުންދިޔަ އިތުރު 46 މީހުން ރަނގަޅުވެއްޖެއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ ކޮވިޑަށް ފަރުވާ ހޯދަމުންދިޔަ ޖުމުލަ 763 މީހަކު ބަލިން ރަނގަޅުވެފައިވާ ކަމަށެވެ.
މިދިޔަ 24 ގަޑިއިރުގެ ތެރޭގައި (އިއްޔެ ހަވީރު 6:00 އިން މިއަދު ހަވީރު 6:00 އަށް) ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވެފައިވަނީ 18 މީހެކެވެ. އެއީ 13 ދިވެއްސަކާއި ބަންގުލަދޭޝްގެ ތިން މީހަކާއި ސްރީލަންކާގެ މީހަކާއި ނޭޕާލުގެ މީހެކެވެ. އެއާއެކު ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވީ މީހުންގެ އަދަދު މިވަނީ 1901 އަށް އަރައިފައެވެ.
ފާއިތުވެދިޔަ ހަތަރު ދުވަހު ވެސް ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދު މަދެވެ. މިދިޔަ އަންގާރަ ދުވަހު 12 މީހަކު ޕޮޒިޓިވްވެފައިވާ އިރު، މިދިޔަ ބުދަ ދުވަހު ޕޮޒިޓިވްވެފައިވަނީ ނުވަ މީހެކެވެ. ބުރާސްފަތި ދުވަހު 22 ކޭސްއެއް އަދި އިއްޔެ ޕޮޒިޓިވްވެފައިވަނީ 11 މީހެކެވެ.
ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން އަށް މީހަކު ވަނީ މަރުވެފައެވެ. އެއީ އުމުރުން ދުވަސްވީ ހަތަރު ދިވެއްސަކާއި ބަންގުލަދޭޝްގެ ހަތަރު މީހެކެވެ.